މިއުޒިކްގެ ލެޖެންޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސެލީން ޑިއޯންގެ ބަލި ހާލަތު ހުރި ގޮތުން އޭނާގެ ޓުއާތަކާ އެކު ހުރިހާ ޝޯތަކެއް ކެންސަލު ކޮށްލައިފިއެވެ.

ސެލީން ވަނީ އޭނާއަށް ނާރުގެ ބައްޔެއް ކަމަށްވާ ސްޓިފް ޕާސަން ސިންޑްރޯމް (އެސްޕީއެސް) ހުންނަ ކަމަށް މީގެ ކުރިން ހާމަކޮށްފައެވެ.

މިދިިޔަ އަހަރު އޭނާ އެ ވާހަކަ އާންމުކޮށްފައިވާއިރު އޭނާ ބުނެފައިވަނީ ބަލީގެ ސަބަބުން އޭނާއަށް ލަވަ ކިޔުމަށް ދަތިވަމުން ދާ ކަމަށެވެ. އެއާ އެކު އޭނާ ވަނީ މިދިޔަ އަހަރުގެ ޝޯތަކެއް ކެންސަލު ކޮށްލައިފައެވެ. ނަމަވެސް ކުރިއަށް ހުރި ޓުއާތަކާއި ޝޯތައް ކެންސަލު ކުރާނެ ކަމަށް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން ސެލީން ބުނެފައިވަނީ މި އަހަރާއި އަންނަ އަހަރަށް ތާވަލުކޮށްފައިވާ ޝޯތައް ކެންސަލު ކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާގެ ބަލި ހާލަތުގެ ގޮތުން މި ވަގުތު ލަވަ ކިޔެން ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި، ޝޯތައް ކެންސަލު ކުރަން ޖެހުމުން އެކަމާ އިންތިހާއަށް މައާފަށް އެދޭ ކަމަށް ވެސް ސެލީން ބުންޏެވެ.

އެސްޕީއެސްއާ ގުޅޭ ގޮތުން އަދި ގިނަ މައުލޫމާތުތަކެއް ސައިންސުވެރިންނަށް ވެސް ނުލިބެއެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑާއި އަތްފައިގައި މަސްގުޅަކައި، މަސްތަކަށް ތަދުވާން މެދުވެރިވެއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮ ނިއުރޯލޮޖިކަލް ޑިސްއޯޑާސްއިން ހާމަކޮށްފައިވާ ގޮތުގައި މި ބަލީގެ ސަބަބުން ބާރު އަޑު ތަކުން މީހުންނަށް އުނދަގޫވާއިރު ނަފުސާނީ ދަތިތަކާ ވެސް ކުރިމަތިވެއެވެ. ބާރު އަޑުތަކުގެ ސަބަބުން މި ބަލީގައި ހެއަށް ވެސް ގޮތް ގޮތް ވާ ކަމަށް ރިކޯޑު ކޮށްފައިވެއެވެ. އެހެންވީމާ، ކޮންސާޓް ފަދަ އަޑު ގަދަ ތަންތަނުގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމަށް ވާނެއެވެ.