ޑެޓްރޮއިޓް (މެއި 27) - ޗައިނާއިން މައިކްރޯން ޓެކްނޮލޮޖީ (އެމްޔޫ) ގަތުން މަނާކުރުމަކީ އެމެރިކާ އިން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، މެމޯރީ ޗިޕްސް އާއި މިފަދަ "އިގްތިސާދީ މަޖުބޫރުކުރުން" ތަކަށް ހައްލެއް ހޯދުމަށް އެކުވެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ ވިދާޅުވެއްޖެވެ.

އެމެރިކާ އިސްވެ އޮވެ އިންޑޯ ޕެސިފިކް އިކޮނޮމިކް ފްރޭމްވޯކްގެ މަޝްވަރާތަކުގައި ވިޔަފާރީގެ ވަޒީރުންގެ ބައްދަލުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައިމޮންޑޯ ވިދާޅުވީ މައިކްރޯންއާ ދެކޮޅަށް ޗައިނާއިން އަޅާ ފިޔަވަޅުތަކާ އެމެރިކާ އިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށެވެ.

"ހަގީގަތުގައި އެއްވެސް އަސާސެއް ނެތި އެމެރިކާގެ އެންމެ ކުންފުންޏަކަށް އަމާޒުކޮށްގެން، މިއީ ސީދާ އަދި އާދައިގެ އިގްތިސާދީ މަޖުބޫރުކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، އަޅުގަނޑުމެން އެކަން ބަލައި ނުގަންނާނަން. އަދި އެކަން ކާމިޔާބުވާނެ ކަމަކަށް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން."ރައިމޮންޑޯ ވިދާޅުވިއެވެ.

ޗައިނާގެ ސައިބާސްޕޭސް ރެގިއުލޭޓަރުން މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ބުނީ އެމެރިކާގެ އެންމެ ބޮޑު މެމޮރީ ޗިޕް އުފައްދާ ކުންފުނި، މައިކްރޯންގެ ނެޓްވޯކް ސެކިއުރިޓީ ރިވިއު ފެއިލްވެފައިވާ ކަމަށެވެ. އަދި މުހިންމު އިންފްރާސްޓްރަކްޗާގެ އޮޕަރޭޓަރުންނަށް އެ ކުންފުނީގެ އުފެއްދުންތައް ގަންނަން ހުރަސް އަޅާނެ ކަމަށާއި، އެކަމުގެ ސަބަބުން އާމްދަނީ ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޗައިނާގެ ސައިބާސްޕޭސް ރެގިއުލޭޓަރުން ބުންޏެވެ.

"ޖީ-7 ގައި އަޅުގަނޑުމެން މިވާހަކަ ދެންނެވި ފަދައިން، ޗައިނާގެ މާކެޓް ނޫން ކަންކަމާ ގުޅުންހުރި ހުރިހާ ގޮންޖެހުންތަކަކާއި، ޕާޓްނަރުންނާ ވަރަށް ގާތުން މަޝްވަރާ ކުރަމުން މިގެންދަނީ." ރައިމަންޑޯ ވިދާޅުވީއެވެ.

ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯއާ އެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވެސް ރައިމޮންޑޯ ވަނީ މައިކްރޯންގެ މައްސަލަ ފާހަގަކުރައްވާފައެވެ.

"ޗިޕްސް ގާނޫނަށް ކުރާ އިންވެސްޓްމަންޓްތަކަކީ ސެމިކޮންޑަކްޓަރުތަކުގެ އެތެރޭގެ އުފެއްދުންތައް ހަރުދަނާ ކުރުމަށް ކުރާ އިންވެސްޓްމަންޓްތަކެއް. އެހެންވީމާ، އައިޕީއީއެފް ގައުމުތަކުގައި ތިބި ކުންފުނިތަކުގެ ބައިވެރިވުމަށް މަރުހަބާ ދަންނަވަން، ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ، އެހެންވީމަ އަޅުގަނޑުމެން އުންމީދު ކުރަނީ ޖަޕާން، ކޮރެއާ، ސިންގަޕޫރު ފަދަ ކުންފުނިތަކުން ޗިޕްސް އެކްޓް ފަންޑިންގައި ބައިވެރިވާނެ ކަމަށް،" ރައިމޮންޑޯ ވިދާޅުވިއެވެ.