ބެއިޖިން (28 މެއި 2023): ޗައިނާގައި އުފައްދާފައިވާ ފަސިންޖަރު މަތިންދާބޯޓު ސީ-919 ގެ ކޮމާޝަލް ދަތުރުތައް ފަސިންޖަރުންނާއެކު އިއްޔެ ފަށައިފިއެވެ.

ޗައިނާގެ ރަސްމީ މީޑިއާ ސީސީޓީވީ ބުނިގޮތުގައި ޗައިނާގެ އެއާލައިން އެއްކަމަށްވާ "އީސްޓަން އެއާލައިންސް" އަށް ނިސްބަތްވާ ސީ-919 ގެ މަތިންދާ ބޯޓެއް 130 ފަސިންޖަރުންނާއެކު މިއަދުވަނީ ޝެންގްހާއިގެ ހޮންގްކިޔާވް އެއާޕޯޓުން ފުރައިގެން ބެއިޖިންގް އިންޓަނޭޝަނަލް އެއާޕޯޓަށް ކާމިޔާބުކަމާއެކު ދަތުރުކޮށްފައެވެ.

މިދަތުރުގައި އެއްވެސް މައްސަލައެއް ދިމާނުވާކަމަށާއި ހުރިހާ ކަމެއް ދިޔައީ ބަރާބަރަށް ކަމަށް ސީސީޓީވީ ޚަބަރު ދެއެވެ. ސީ-919 މަރުކާގެ މަތިންދާބޯޓަކީ ޖެޓް މަތިންދާބޯޓެކެވެ. މިބޯޓު އުފައްދާފައިވަނީ އެމެރިކާގައި އުފައްދާ ބޮއިންގް ބޯޓުތަކާއި ޔޫރަޕްގައި އުފައްދާ އެއާބަސް މަރުކާގެ މަތިންދާ ބޯޓުތަކާ ފަންނީގޮތުންނާ އަދި އެހެނިހެން ގޮތުންވެސް އެއްފެންވަރެއްގައެވެ. ނަމަވެސް ޗައިނާގައި އުފައްދާ މިބޯޓުގެ އަގު މިސައިޒްގެ ބޮއިންގް ބޯޓުތަކާއި އެއާބަސްގެ ބޯޓުތަކަށްވުރެ ގާތްގަނޑަކަށް 25 އިންސައްތަ އަގުހެވެވެ.

ސީ-919 ގެ ބޯޓާ އެއްވަރުގެ ބޮއިންގް ބޯޓަކީ ބޮއިންގް 737 އެވެ. އެއާބަސްއަށް ބަލާނަމަ އެއީ އެއާބަސް 320 މަރުކާގ ބޯޓުތަކެވެ. ސީ-919 މަރުކާގެ ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް ޗައިނާ ފެށީ މީގެ ގާތްގަނޑަކަށް 13 ވަރަކަށް އަހަރު ކުރިންނެވެ. މި ބޯޓުވަނީ މީގެ ފަސް އަހަރު ކުރިން އުފައްދައި ކާމިޔާބުކަމާއެކު ޓެސްޓްތައްވެސް ކޮށް ނިންމައިފައެވެ.

ނަމަވެސް ފަސިންޖަރު މަތިންދާ ބޯޓެއްގެ ގޮތުގައި ޚިދުމަތަށް ނެރުމުގެ ކުރިން ނަގަންޖެހޭ ތަފާތު އެކި ހުއްދަތައް ނެގުމާއި އެނޫންވެސް އެތަށް ކަމެއް ކުރުމަށް އިތުރު މުއްދަތު ނެގީއެވެ. މި ހުއްދަތަކުގެ ތެރޭގައި ކޮމާޝަލް ދަތުރުތައް ކުރަން ރައްކާތެރި ބޯޓެއްކަން ބަޔާންކޮށްދޭ ސެޓްފިކެޓްތަކާއި ސިވިލްއޭވިއޭޝަނާބެހޭ ޗައިނާގެ މައި އިދާރަކަމަށްވާ "ސިވިލްއޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ" އިން ނަގަންޖެހޭ އެނޫން ހުއްދަތަކާއި ކޮމާޝަލް އޭވިއޭޝަންއާ ބެހޭ ޚާއްސަ ހުއްދަތައް ހިމެނެއެވެ.

މި ބޯޓު އުފެއްދީ ޗައިނާ ސަރުކާރުގެ މަދަނީ އެއާޕޯޓް އުފައްދާ މައިގަނޑު ކުންފުނި ކަމަށްވާ ދަ ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ ލިމިޓެޑް (ކޮމަކް) އިންނެވެ. މިއީ ނެރޯ ބޮޑީގެ މަތިންދާބޯޓެކެވެ.

"ކޮމަކް" އިން ސީ-919 މަރުކާގެ މަތިންދާބޯޓު އުފައްދާފައިވަނީ އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ 373 މަރުކާގެ ފަސިންޖަރު މަތިންދާބޯޓާއި ޔޫރަޕްގެ އެއާބަސް ކުންފުނިން އުފައްދާ 320 ނިއޯ މަރުކާގެ ފަސިންޖަރު މަތިންދާ ބޯޓުތަކާ ވަދަކުރެވޭ ފެންވަރުގައެވެ. ޓެކްނޮލޮޖީއާއި ރައްކާތެރިކަމާ އެނޫންވެސްކަންކަމުގައި އެބޯޓުތަކާ އެއްލެވެލްއެއްގައެވެ. ނަމަވެސް އެބޯޓުތަކަށްވުރެ ޗައިނާގެ ބޯޓު މާބޮޑަށްވެސް އަގު ހެޔޮއެވެ.

އެހެންކަމުން މިބާވަތުގެ އެތަށް ސަތޭކަ ބޯޓަކަށް މިހާރުވަނީ އޯޑަރު ލިބިފައެވެ. މިއާއެކު "ކޮމަކް" އިން ވަނީ ބާރު ސްޕީޑެއްގައި މިބާވަތުގެ ބޯޓުތައް އުފައްދަން ފަށާފައެވެ. "ކޮމަކް" ބުނެފައިވާގޮތުގައި އެކުންފުނިން އުފައްދާ "ސީ 919" މަރުކާގެ ކޮމާޝަލް މަތިންދާބޯޓުތައް ގަތުމަށް 300 އާއި 400 އާ ދެމެދުގެ އޯޑަރު ލިބިފައިވާތީ އެއަދަދަށް އެމަރުކާގެ މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

"ކޮމަކް" އިން އުފެއްދި "ސީ 919" މަރުކާގެ މަތިންދާބޯޓަކީ ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގެ ޓެކްނޮލޮޖީގައި ޗައިނާގެ ކުންފުންޏަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ޗައިނާގެ މިކާމިޔާބު އުފެއްދުމުގެ ސަބަބުން ކޮމާޝަލް ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގައި އެމެރިކާއާއި ޔޫރަޕުން މިހާރު ގެންގުޅޭ މޮނޮޕޮލީ ކައިރި މުސްތަގްބަލެއްގައި ނިމުމަކަށް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

"ސީ 919" ބޯޓު ގައި މިހާރު ހިމެނޭ ވަރަށް ގިނަ ބައިތަކަކީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ކުންފުނިތަކުން އުފައްދާ ތަކެއްޗެވެ. ނަމަވެސް މިތަކެތި އަމިއްލަ ޓެކްނޮލޮޖީގައި ކުރިޔަށް އޮތް ފަސްވަރަކަށް އަހަރުތެރޭގައި ޗައިނާގެ ކުންފުނިތަކުން އުފައްދާނެއެވެ. ޗައިނާގެ ކުންފުނިތައް މިހާރުދަނީ މިކަމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންނެވެ. މިއާއެކު މަދަނީ މަތިންދާބޯޓުތައް އުފެއްދުމުގައި އެމެރިކާއާއި ޔޫރަޕަށް ޒަމާނުއްސުރެ ލިބިފައިވާ މޮނޮލީ ދާދި އަވަހަށް ގެއްލިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.