28 May 2023, 16:24
ދިމިޝްގު (28 މެއި 2023): ސީރިޔާގައި ހުންނަ ސައުދީ އެންބަސީ އަލުން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން ސީރިޔާއިން ހާމަކޮށްފިއެވެ.
ސީރިޔާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" ބުނިގޮތުގައި އެގައުމުގެ ވެރިރަށް ދިމިޝްގުގައި ހުންނަ ސައުދީ އެންބަސީ އަލުން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަށްޓަކައި ސައުދީ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިންގެ ވަފްދެއް ސީރިޔާއަށް ވަޑައިގެން އެކަމަށް މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ.
ސީރިޔާގައި ހުންނަ ސައުދީ އެންބަސީ އަލުން ހުޅުވުމަށްޓަކައި ތަންކޮޅެއް ކުރިންވަނީ އެންބަސީގެ އިމާރާތް މަރާމާތުކުރުންފަދަ ކަންކަން ކޮށްފައެވެ. މިހާރު ކުރިއަށްދަނީ ސައުދީ އެމްބަސީ ގައި މަސައްކަތްކުރާ ސައުދީ ޑިޕްލޮމޭޓުން ދިމިޝްގުގައި ތިއްބެވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އެބޭފުޅުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތެވެ. އެކަމުގެ ޕްރޮސީޖާތައް ސީރިޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ނިންމުމެވެ.
ސީރިޔާގައި ހުންނަ ސައުދީ އެންބަސީ ބަންދުކުރީ 2011 ވަނަ އަހަރުއެވެ. އެއީ 2011 ވަނަ އަހަރު ސީރިޔާގައި ފެށުނު ދާޚިލީ ހަނގުރާމައިގައި ސައުދީ ސަރުކާރުން ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ފަޅިއަށްޖެހި ސީރިޔާ އާ ގުޅުންތައް ކަނޑާލުމާ ގުޅިގެންނެވެ.
ސައުދީ ސަރުކާރުން ސީރިޔާއާ ގުޅުންތައް ކަނޑާލުމުގެ ކުރިން ސީރިޔާވަނީ އަރަބި ލީގުން ބޭރުކޮށްލާފައެވެ. ނަމަވެސް ސީރިޔާގެ ދިގުލީ ދާޚިލީ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމުގައި އިދިކޮޅު ފަރާތްތައް ނާކާމިޔާބުވެ ބައްޝާރުގެ ސަރުކާރު ވައްޓާނުލެވޭނެކަން ކަށަވަރުވުމުން ސައުދީ ވަނީ އަނެއްކާވެސް ސިޔާސަތު ބަދަލުކޮށް ސީރިޔާ ސަރުކާރާ ގާތްވެ ސީރިޔާގެ އިދިކޮޅު ފަރާތްތަކާ ދުރުވެފައެވެ. އަދި ސައުދީ އިސްވެ އޮވެގެން ސީރިޔާ މިހާރުވަނީ އަލުން އަރަބި ލީގަށްވެސް ވައްދާފައެވެ.
މިމަހުގެ 19 ވަނަ ދުވަހު ސައުދީގައި ބޭއްވި އަރަބި އިސްވެރިންގެ ސަމިޓަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުވަނީ ހާޒިރުވެ ވަޑައިގެންފައެވެ. އަދި ބައްޝާރުވަނީ ސައުދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުވެސް ކުރައްވާފައެވެ. އޭގެކުރިން ސައުދީ ޚާރިޖީ ވަޒީރުވަނީ ސީރިޔާއަށް ވަޑައިގެންފައެވެ.
އަނެއްކޮޅުން ސައުދީ ސަރުކާރުން މިދިޔަ ހަފުތާގައިވަނީ ސީރިޔާއިން ހައްޖަށް ދާ މީހުންގެ ކަންތައްތައްވެސް އަލުން ސީރިޔާ ސަރުކާރާ ހަވާލުކޮށްފައެވެ. 2011 ވަނަ އަހަރު ސީރިޔާގައި ފެށުނު ދާޚިލީ ހަނގުރާމައާއެކު ސައުދީން ސީރިޔާ ސަރުކާރާ ގުޅުންތައް ކަނޑާލުމަށްފަހު ސީރިޔާއިން ހައްޖަށް ދާ މީހުންގެ ކަންތައްތައް ހަމަޖެއްސުމުގެ ފުރުސަތު ސައުދީން ދިނީ ސީރިޔާ ސަރުކާރުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކަށެވެ. އެފަރާތުން ސީރިޔާގެ ވަގުތީ ސަރުކާރުގެ ނަމުގައި އުފެއްދި ވެރިކަމުގެ އިދާރާއަށެވެ.
ނަމަވެސް މިހާރު ސައުދީ ސަރުކާރުންވަނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކާ މިބާވަތުގެ ހުރިހާ ގުޅުންތަކެއް ކަނޑާލާފައެވެ. އަދި ރަސްމީ ސިފައެއްގައި ސައުދީ ސަރުކާރުން ވަނީ ބައްޝާރުގެ ސަރުކާރާ އަލުން މުއާމަލާތްތައް ކުރަން ފަށާފައެވެ.