28 Apr 2012, 12:15
ސަރުކާރުން އަލުން އުފައްދާ އާ ދެ މިނިސްޓްރީ އުފެއްދުމުގެ އަމަލީ މަސައްކަތްތައް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ސަން މީޑިއާ ގުރޫޕަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަލަށް އުފައްދަވާ ދެ މިނިސްޓްރީ ކަމުގައިވާ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އުފެއްދުމަށް ރައްޔިތުން މަޖިލިހުން ރުހުން ދިނުމާ ގުޅިގެން އެ މަސައްކަތް މިއަންނަ ހަފްތާގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
"މިދިޔަ ހަފްތާގެ ތެރޭގައި މަޖިލިހުން ހުއްދަ މިލިބުނީ ދެ މިނިސްޓްރީ އުފައްދަން. ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ މަސައްކަތްތައް ނިމިގެން ދާނެ. މިނިސްޓްރީ ހިންގާނެ އިމާރާތެއް ހޯދުމަށް ހައުސިންގް މިނިސްޓްރީގައި އެ ދިގެން މިހާރު މިއުޅޭނީ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އިތުރަށް ދެ މިނިސްޓްރީ އުފެއްދެވި ނަމަވެސް އިތުރު މުވައްޒަފުންތަކެއް ނުނަގައި މިހާރު އުފައްދަން އުޅޭ މިނސްޓްރީއާ ގުޅުން ހުރި މިނިސްޓްރީތަކުގެ މުއައްޒަފުން އަލަށް އުފައްދާ ދެ މިނިސްޓްރީއަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
"މިހާރު ވެސް ދެ ވުޒާރާއާ ގުޅުން ހުރި މަސައްކަތްތައް އެހެން އިދާރާތަކުގައި ކުރައްވާ ބޭފުޅުން އަލަށް ހަދާ މި ދެ ވުޒާރާގައި މަސައްކަތްކުރާ ގޮތަށް އެމުވައްޒަފުން ބަދަލުވެގެން ދަނީ،" ތަރުޖަމާނު އައްބާސް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު ރައީސުލްޖުމުހުރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލަށް ދެ މިނިސްޓްރީއެއް އުފެއްދެވި ނަމަވެސް ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރަކަމެއް ނެތި އެ ދެ މިނިސްޓްރީ ހިންގޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރު 2008 ވަނަ އަހަރު ބަދަލުވުމާ ގުޅިގެން އަލަށް ސަރުކާރު އުފައްދަން ލިބުނު 11 ވަރަކަށް ދުވަހުގެ ތެރޭގައި ތެޅިފޮޅިގަނެގެން މިނިސްޓްރީތައް އުފެއްދެވި ކަމަށާއި އެ މިނިސްޓްރީތައް އުފެއްދި އިރު ކުރިން ހުރި ބޮޑެތި ވުޒާރާތަކެއް އެއްކޮށްލި ކަމަށެވެ.
"އެއްކޮށްލައިގެން ފަހުން ބަދަލުގެންނަން އެކަން ކުރީ، ނަމަވެސް އެކަމެއް ފަހަކުން ނުކުރެވޭ ނުކުރެވުމުގެ ސަބަބުންވީ ގޮތަކީ ބައެއް ދާއިރާތައް ވަރަށް ބޮޑަށް އިހުމާލްކުރެވުނީ. ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާ ބެހޭ ދާއިރާ އިހުމާލް ކުރެވުނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އަލަށް އުފައްދާ ހިއުމަން ރައިޓްސް މިނިސްތްރީން އަންހެނުންނާއި ކުޑަކުދިންނާއި މަސައްކަތްކުރާ މީހުންގެ ހައްގުތަކާ ގުޅޭ ކަންކަން ދިރާސާކޮށް ރަނގަޅުކުރުމަކީ އެ މިނިސްޓްރީގެ މައިގަނޑު މަސައްކަތަކަށް ވާނެ ކަމަށެވެ. އަދި ވިދަޅުވީ ސަރުކާރުގެ ހުރިހާ އިދާރާތަކުން ހިންގާ ހުރިހާ ޕްރޮގްރާމެއްގައި ހިއުމަން ރައިޓްސް މެއިން ސްޓްރީމް ކުރަން ޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.
"މިހާރު ހަދާ މިނިސްޓްރީގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝނަކަށް ކުޑަކޮށް ވެސް ފުށުއަރާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ހިއުން ރައިޓްސް ކޮމިޝަނުގެ މައިގަނޑު މަގުސަދަކީ އިންސާނީ ހައްގުތައް ހިނގާ ނުހިގާ ގޮތް ބައްލަވައި ރަނގަޅަށް ކުރާ ކަންތަކާއި ގޯސްކޮށް ހިނގާ ކަންކަން ބައްލަވައި އެކަން ސަމާލުކަމަށް ގެނެސްދެއްވުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަލަށް އުފައްދަވާ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީގެ ސަބަބަން ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އަށް ސަމާލްކަން ލިބިގެން ދާނެ ކަމަށެވެ.