15:00


ސ. ފޭދޫގައި 25 ރޯހައުސް އިމާރާތްކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބީލަން ހުޅުވާލައިފި އެވެ.


އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ ސުހެއިލް އަހްމަދު މިއަދު ވިދާޅުވީ، ޕްރޮވިންސްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ސ.ފޭދޫގައި އިމާރާތްކުރުމަށް ހަމަޖައްސާފައި ވަނީ ދެ ބުރީގެ 25 ރޯހައުސް ކަމަށާއި ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 16 ވަނަ ދުވަސް ކަމަށާއި ބީލަން ހުށަހެޅޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ.


ފަސް ރޯހައުސް ހިމެނޭ ގޮތަށް ފަސް ޕްރޮޖެކްޓަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މި މަސައްކަތް ހަވާލުކުރުމުގައި ދެކުނު ޕްރޮވިންސްގެ ފަރާތްތަކަށް އިސްކަންދޭނެ ކަމަށާއި މި މަސައްކަތް ކުރިއަށްގެންދިއުމުގައި ލުއިފަސޭހަ ގޮތްތަކެއް އެޗްޑީސީން ހޯދައިދޭނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އަދި ފަސް ޕްރޮޖެކްޓުގެ ތެރެއިން އެއް ފަރާތަކަށް ބީލަން ހުށަހެޅޭނީ ގިނަވެގެން 2 ޕްރޮޖެކްޓަށް ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ. އެގޮތަށް ނިންމެވީ ވީހާވެސް ގިނަ ކޮންޓްރެކްޓަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ސުހެއިލް ވިދާޅުވި ގޮތުގައި ސ.ފޭދޫގައި އެއް ބުރީގެ ގެތަކުގެ ބަދަލުގައި ދެ ބުރީގެ ރޯހައުސް އިމާރާތްކުރުމަށް ނިންމާފައި ވަނީ އެ ރަށުގައި ބިމުގެ ދަތިތަކަން ބޮޑުވުމުގެ ސަބަބުނެވެ.


ޕްރޮވިންސްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ހަ ރަށެއްގައި 150 ގެ އިމާރާތްކުރުމަށް ސަރުކާރުން ވަނީ ނިންމައިފައި ކަމަށާއި އޭގެ ތެރެއިން ތިން ރަށެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އެގޮތުން ހ.ދ ކުޅުދުއްފުއްޓާއި، ގދ. ތިނަދޫއާއި މ.ކޮލަމާފުށީގެ ތެރެއިން ކޮންމެ ރަށެއްގައި އިމާރާތްކުރާ 25 ގޭގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށް، އެ މަސައްކަތުގެ ބިންގާ އަޅާފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އަދި ނ.މަނަދޫ އާއި ޅ. ނައިފަރުގައިވެސް 25 ގެ އިމާރާތްކުރުމަށް ބީލަން ހުޅުވާލާ، އެކަމަށް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސްލްތައް އިވެލުއޭޓްކުރަމުންދާ ކަމަށް ސުހެއިލް ވިދާޅުވި އެވެ.