14:30


މާލެއާއި މާލެ ކައިރީގެ ރަށްތަކަށާއި އައްޑު އަތޮޅު ހިތަދޫ އަށް ތްރީޖީގެ ހިދުމަތްތައް ދިރާގުން މިއަދު ތަޢާރަފްކޮށްފި އެވެ.


މި ހިދުމަތްތަކުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ދިރާގުގެ މޯބައިލް މާކެޓިން މެނޭޖަރ ރިއްފަތު މުހައްމަދު މިއަދު ވިދާޅުވީ ތްރީޖީ ޕްލަސް ނެޓްވޯކްގެ ހިދުމަތަކީ އަތޮޅުތެރޭގައި އަބާދީ ބޮޑު ރަށްތަކަށް އަމާޒުކޮށްގެން ތައާރަފްކުރާ ހިދުމަތެއް ކަމަށާއި މާލެއާއި މާލެ ކައިރީގައިވާ ރަށްތަކަށާއި އައްޑު އަތޮޅު ހިތަދޫއަށް އެ ހިދުމަތް ތައާރަފ ކުރީ އަބާދީގެ ނިސްބަތައް ބަލާފައި ކަމަށެވެ. އަދި ޓޫރިސްޓުންނާއި، މުވައްޒަފުން ގިނަ ރިސޯޓްތަކަށް ބަލައި، ބަނޑޮސް އައިލެންޑް ރިސޯޓަށާއި ޕެރަޑައިސް އައިލެންޑް ރިސޯޓަށާއި ކުރުނބާ މޯލްޑިވްސް އަށް ވެސް ތްރީޖީގެ ހިދުމަތް ލިބޭނެ ކަމަށް ރިފްފަތު ވިދާޅުވި އެވެ.


ރިއްފަތު އިތުރަށް ވިދާޅުވީ ދިރާގު ކަސްޓަމަރުން ތްރީޖީ ޕްލަސް ނެޓްވޯކްގެ ހިދުމަތް ބޭނުންކޮށްގެން ވީޑިއޯ ކޯލެއް ކުރިޔަސް ދިރާގުން އެ ހިދުމަތައް އިތުރު ޗާޖެއް ނުނަގާނެ ކަމަށާއި ޗާޖު ކުރަނީ މިހާރުވެސް ކޮންމެ ކޯލަކަށް ޗާޖުކުރާ އަގަށް ކަމަށެވެ. އަދި ތްރީޖީގެ ހިދުމަތް އެންމެ ފުރިހަމަ އަށް ބޭނުންކުރެވޭނީ ދިރާގުން ތައާރަފް ކޮށްފައިވާ މޯބައިލް އިންޓަނެޓް ފެކޭޖެއްގެ ހިދުމަތް ބޭނުން ކޮށްގެން ކަމަށް ރިއްފަތު ވިދާޅުވި އެވެ.


އަދި މޯބައިލް ފޯނުތަކުން އިންޓަނެޓްގެ ހިދުމަތް އެންމެ އަވަސްކޮށް ހޯދުމަށް ފެކޭޖްތަކެއް މިއަދު ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖްތަކާ ބެހޭ މައުލޫމާތު ދެއްވަމުން ރިއްފަތު ވިދާޅުވީ އެ ޕެކޭޖްތަކުގެ ތެރޭގައި 30 ރުފިޔާއިން ފެށިގެން 149 ރުރިޔާއާ ދެމެދުގެ 3 ޕެކޭޖް ހިމެނޭ ކަމަށެވެ.