ބެއިޖިން (މެއި 27) - ޗިޕް ސަޕްލައި ކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި ގައުމީ ސަލާމަތާ ގުޅޭ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޗައިނާ އާއި ދެކުނު ކޮރެއާއިން ސެމިކޮންޑަކްޓާ އިންޑަސްޓްރީގެ ސަޕްލައި ޗެއިންތަކާ ބެހޭ ގޮތުން މަޝްވަރާއާއި އެއްބާރުލުން ވަރުގަދަ ކުރަން އެއްބަސްވެއްޖެ ކަމަށް ޗައިނާގެ ކޮމާސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ޑެޓްރޮއިޓްގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ކޮންފަރެންސްގެ ހަވާސާގައި މިދިޔަ ހުކުރު ދުވަހު ވަންގް ވެންޓާއޯ ވަނީ ދެކުނު ކޮރެއާގެ ޓްރޭޑް މިނިސްޓަރު އާން ޑުކް-ގޫންއާ ބައްދަލުކުރައްވައިފައެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިންޑަސްޓްރިއަލް ސަޕްލައި ޗެއިންގެ ހަމަޖެހުން ދެމެހެއްޓުމާއި ބައިލެޓަރަލް، ރީޖަނަލް އަދި މަލްޓިލޭޓަރަލް ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެކުނު ކޮރެއާއާ އެކު މަސައްކަތް ކުރަން ޗައިނާ އިން ތައްޔާރަށް އޮތް ކަމަށް ވެސް ވަންގް ވިދާޅުވިއެވެ.

ނަމަވެސް ހަމަ އެ ބައްދަލުވުމުގައި ދެކުނު ކޮރެއާއިން ނެރުނު ބަޔާނެއްގައި ޗިޕްސްގެ ވާހަކަ ނުހިމަނައި، އޭގެ ބަދަލުގައި އެގައުމުގެ ޓްރޭޑް މިނިސްޓަރު ވަނީ މުހިންމު ރޯ މެޓީރިއަލްގެ ސަޕްލައި ހަމައަކަށް އެޅުމަށް ޗައިނާގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ޗައިނާގައި ދެކުނު ކޮރެއާގެ ކުންފުނިތަކަށް އަންދާޒާ ކުރެވޭ ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ދެކުނު ކޮރެއާގެ ފަރާތުން ބުނީ ހުރިހާ އިންޑަސްޓްރީއެއްގައި ވެސް ވޯކިން ލެވެލްގެ އޮފިޝަލުންގެ މެދުގައި މުއާމަލާތް ކުރަން ޖެހޭ ކަމަށާއި، މިއީ ހަމައެކަނި ސެމިކޮންޑަކްޓަރުންނަށް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ އެ މީހުންނަށް ލިބިފައި ނުވާތީ އެ މީހާ ނަން ހާމަކުރަން ދެކޮޅު ހެދިއެވެ. ސެމީކޮންޑަކްޓަރުގެ މައްސަލާގައި އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުމުގެ އަސަރު މި ވާހަކަ ދެއްކުންތަކަށްވެސް ކުރުމުގެ ފުުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ސައިބާސްޕޭސް ރެގިއުލޭޓަރުން މިދިޔަ ހަފުތާގައި މައިކްރޯން (އެމްޔޫ)ގެ ނެޓްވޯކް ސެކިއުރިޓީ ރިވިއު ފެއިލްވެ، ކީ އިންފްރާސްޓްރަކްޗާގެ އޮޕަރޭޓަރުންނަށް އެ ކުންފުނީގެ އުފެއްދުންތައް ޗައިނާއަށް އެތެރެކުރުމަށް ހުރަސް އެޅޭނެ ކަމަށް ބުނެފައިވެއެވެ.

އަނެއްކޮޅުން އެމެރިކާއިން ވަނީ ގައުމީ ސަލާމަތާ ގުޅޭ ގިނަ ސަބަބުތަކެއް ފާހަގަކޮށް ޗައިނާއިން އެޑްވާންސް ޗިޕްސް އެތެރެކުރުން ލިމިޓް ކުރުމަށް ގައުމުތަކަށް ބާރު އަޅާފައެވެ.

އެމެރިކާގެ ޓްރޭޑް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެކުނު ކޮރެއާގެ ޗިޕް އެކްސްޕޯޓްގެ ގާތްގަނޑަކަށް 40 ޕަސެންޓް ޗައިނާއަށް ދާއިރު، ދެކުނު ކޮރެއާގެ ޗިޕް އުފައްދާ ކުންފުނިތައް ކަމަށްވާ ސެމްސަންގް އިލެކްޓްރޯނިކްސް އަދި އެސްކޭ ހައިނިކްސް އަށް އެމެރިކާގެ ޓެކްނޮލޮޖީ އާއި އިކުއިޕްމަންޓް ބޭނުންވެއެވެ.