28 Apr 2012, 11:36
ސިޔާސީ ގޮތުން ދިވެހި ޤައުމު ހަލަބޮލިވެފައިވާ މި ނާޒުކު ދަނޑިވަޅު އެންމެ އާދައިގެ ރައްޔިތުމީހާގެ ހިތުގެ ސުއޫރުވެސް ޤައުމުގެ އެންމެ މަތީ ވެރިމީހާއަށް ފޯރުވޭނެ ގޮތެއް މިހާރު މިވަނީ ޤާއިމު ވެފައެވެ. މީގެ އަހަރު ތަކެއް ކުރިން އެއީ މުސްތަހީލް ކަމެކެވެ. ދުނިޔޭގެ ޓެކުނޮލޮޖީގެ ފަސޭހަކަން ދިވެހި ރާއްޖެއިން ވެސް އިހުސާސް ކުރާ ކަމުގެ ކޮޅުމަތި މިވަނީ ފެންނަން ފަށާފައެވެ.
އެއީ ޓުވިޓަރ ސޯސަލް ނެޓުވޯކެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ސޯސަލް ނެޓުވޯކެވެ. ދިވެހިން ކިޔާނަމަ ދޭދޭ މީހުންގެ އިޖުތިމާއީ ގުޅުން ބަދަހި ކޮށްދޭ ވިއުގައެވެ. ޓުވިޓަރގެ ގިނަ އެކައުންޓު ތަކަކީ އަސްލު ފަރާތް ކޮންމެހެން ހާމަކޮށްދޭން ޖެހޭ އެކައުންޓު ތަކެއް ނޫން ނަމަވެސް، ބޭނުން ކުރާ ސައްޙަ ފަރާތް (ވެރިފައި) ކުރެވިފައިވާ ޓުވިޓަރ އެކައުންޓެއް ޤައުމުގެ ރައީސް ބޭނުން ކުރަމުންދާއިރު މި ޤައުމުގެ ސިޔާސީ "ގޭސް" ފެތުރެމުންދާ ގޮތް ހުދު އެމަނިކުފާނަށް ރަނގަޅަށް ފޯރާނެކަމަށް ބެލެވެއެވެ. ހޫނު އެތަކެއް ބަސް ތަކެއް ހުދު އެމަނިކުފާނުގެ ފޯނަށް ނުވަތަ ޓުވިޓަރ އެކައުންޓަރ ފޯރާނެ ކަމާއި މެދު މިހާރު ޝައްކެއް ނުކުރަމެވެ
"ސަތޭކަ ސާޅީސް އަކުރުގެ ޓެކުސްޓު މެސެޖެއްގެ ގޮތުގައިވެސް ފޮނުވާލެވޭ މި ޚިދުމަތަށް މައިކުރޯ ބުލޮގިންވެސް ކިޔައެވެ. ތިންސަތޭކަ ސާޅީސް މިލިއަން ޓުވީޓު ނުވަތަ މެސެޖެ ކޮންމެ ދުވަހަކު ކުރާ ކަމަށް ހިސާބު ތަކުން ދައްކައެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި މިހިދުމަތް ބޭނުން ކުރާ ސަކޭތަ ހަތްދިހަ މިލިއަނަށް ވުރެ ގިނަ މީހުން ތިބި ކަމަށް ވެއެވެ. އިންޓަނެޓުގެ އެސް.އެމް.އެސްގެ ގޮތުން މަސްހޫރުވި ޓުވިޓަރ އަކީ މީގެ ހައެއްކަ އަހަރު ކުރިން އުފެދިފައިވާ ސޯސަލް ނެޓުވޯކެކެވެ. "ޖެކުޑޯސޭ" ނަމަކަށް ކިޔާ ޒުވާނަކު އުފެއްދި މިފުރިހަމަ އުފެއްދުމުގެ ސަބަބުން ދިވެހިން ކުރިން ދެކެފައިވެސް ނުވާފަދަ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއް މިވަނީ ޓުވިޓަރގެ ތެރެއިން ލިބިފައެވެ.
ޓީވީ ތަކާއި ރޭޑިއޯ އަދި ވެބު ސައިޓުތަކުގައި ކިތަންމެ ތަޅެއް އެޅުވިޔަސް ޓުވިޓަރ ވެފައިވަނީ ބޮޑު ތަޅު ނޭޅުވޭނެ ބޭނުން ކޮންމެ މީހަކަށް ވާނުވާ ބަލާލެވޭނެ އިޒުތިމާއީ ގުޅުމަކަށެވެ. މިޤައުމުގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔަ ގޮތުން ޓުވިޓަރގެ ބޭނުން ވަރަށް ފުރިހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ދަންނަވަން ޖެހެއެވެ. ޤައުމުގެ ރައީސްގެ ޓުވިޓަރ އެކައުންޓު ސައްޙަ ކުރެވިފައި ވިޔަސް އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ކަމަށްވާ ޕޮލިޓިކަލް އެޑުވައިޒަރ އަދި ޕުރެސް ސެކެރެޓަރީގެ ޓުވިޓަރ އެކައުންޓު އެއީ އެފަރާތް ތަކުގެ އަސްލު އެކައުންޓު ކަމެއް އަދި ނޭނގެއެވެ. އެހެނަސް އެދެ އެކައުންޓުން ދެމުންދާ މެސެޖު ތަކުގެ ސަބަބުން މަސްރަހަށް ބޮޑެތި ބަދަލު ތަކެއް ގެނުވައެވެ.
އޭގެ ކުޑަ މިސާލަކީ އައްޑޫ ސިޓީގެ ފަރާތުން ކުއްލި ގޮތަކަށް ނަސަންދުރާ ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ފާހަގަ ކުރި ކަންކަމުގެ ތެރޭގައި މިހާރުގެ ރައީސްގެ ޕުރެސް ސެކެރެޓަރީ ޓުވިޓަރގައި ލިއުނު މެސެޖެއް ފާހަގަ ކުރެވެއެވެ. އަދި އެ މެސެޖާއި މެދު ވަރަށް ބޮޑަށް ބަހުސްވެސް ކުރިއެވެ. އައްޑުއަށް މާބޮޑު ހޮސްޕިޓަލެއް ބޭނުން ނުވާނެ ކަމަށް ބުނެ ޓުވިޓަރގައި ލިއުނު އެމެސެޖަކީ ބޮޑު "ސިޔާސީ ގޭސް" ގަނޑެއްކަން އެނގުނީ ޕުރެސް ސެކެރެޓަރީގެ ނަމުގައި ޓުވިޓަރ ބޭނުން ކުރަނީ އަސްލު ޕުރެސް ސެކެރެޓަރީ ނޫން ކަމަށް ފަހުން ފަޅާ އެރުމުންނެވެ. އެކަން ދުވަހު ނޫސްތަކުންވެސް ވަނީ ފާހަގަ ކޮށްފައެވެ.
ޓުވިޓަރ އަކީ މިޤައުމުގެ ވެރިރަށް ފުރަ މާލޭގައި އެންމެ ގަދަޔަށް ސިޔާސީ ގޭސް ފަތުރާ ވަސީލަތަކަށް ވެގެން ގޮސްފައި ވާއިރު ދުނިޔޭގެ ވަރަށް ގިނަ ޤައުމު ތަކުގައި ވެސް މިކަން އޮތީ ހަމަ މިގޮތުގައެވެ. މާލޭގައި ބައެއް މުޒާހަރާތައް ޓުވީޓު ކޮށްގެން ބާއްވާފައި ވާއިރު ބައެއް ޤައުމުތަކުގައިވެސް ބޮޑެތި މުޒާހަރާތައް ޓުވިޓަރ ބޭނުން ކޮށްގެން މިހާރުވެސް ކުރަމުންދެއެވެ .އަދި ހައްޔަރު ކުރެވޭ މީހުންގެ މައުލޫމާތު ތައް ވެސް ވަގުތުން ހޯދަމުންދަނީ ހަމަ ޓުވިޓަރ ބޭނުން ކޮށްގެންނެވެ. އޭގެ އެއް ސަބަބަކީ ޓުވިޓަރ ބޭނުން ކުރާ ކޮންމެ މީހެއްގެ ފަހަތުން އޭނައަށް ވާނުވާ ބަލާ (ފޮލޯ) ކުރާ އެތައް ބަޔަކު އަބަދުވެސް ތިބޭތީއެވެ.
ޓުވިޓަރގެ ވަރަށް ގިނަ ހާއްސަ ކަންކަން ވެއެވެ. އެ ހިދުމަތް ބޭނުން ކުރާ ގިނަ ބަޔަކު އެމީހެއްގެ ބަހުރުވަ ހުންނަ ގޮތަކަށް އެމީހެއްގެ ބަހުން ޓުވިޓު ކުރަމުންދާއިރު މިއަދުގެ ރާއްޖޭގެ ސިޔާސީ މަސްރަހުންވެސް އެންމެ ފާހަގަ ކުރެވޭ އެއްފަރާތަކީ ޤައުމުގެ ވެރިމީހާގެ އެޑުވައިޒަރ އެއްގެ މަޤާމުގައި ހުރި މަސްހޫރު ޓޯޕީގެ ނަމުގައި ކުރެވެމުންދާ ޓުވިޓަރ މެސެޖު ތަކެވެ. ގިނަ ބަޔަކު އެއީ ހަމަ އަސްލު ޓޯޕީ ކަމަށް ގަބޫލު ކުރަނީ އެބޭފުޅާގެ އަސްލު ބަހުރުވަ ލިޔެފައިވާ ޓުވިޓަރ މެސެޖު ތަކުންވެސް ފާހަގަ ވަމުންދާތީއެވެ.
ޤައުމުގެ ރައީސްގެ ޕުރެސް ސެކެރެޓަރީގެ ޓުވިޓަރ ތަކުންވެސް އެބޭފުޅާގެ ބަހުރުވަ ހާމަވަމުންދާތީ އެ ޓުވިޓަރ އެކައުންޓަކީ އެބޭފުޅާ ވަރަށް ބޮޑަށް ދަންނަ އަދި ވަރަށް ކައިރި ބޭފުޅެއް ކުރައްވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ހުދު ޕުރެސް ސެކެރެޓަރީ ފާހަގަ ކުރައްވައެވެ. ސިޔާސީ ގިނަ ލީޑަރުން މިހާރު ޓުވިޓަރ ބޭނުން ކުރައްވާ އިރު ކުރިން ދުވަހަކު ވެސް ޓުވީޓު ނުކުރައްވާ މަސްހޫރު ސިޔާސީ ބޭފުޅުން ޓުވީޓަރ އަލަށްބޭނުން ކުރައްވަން ވަނީ ފައްޓަވާފައެވެ. އެހެން ކަމުން ސިޔާސީ ގޭސް ޓުވިޓަރގެ ތެރޭގައި ވަރަށް ގަދައަށް ފެތުރޭކަން މިވަނީ ފެނި ހާމަވެފައެވެ.
ޓުވިޓަރ އެންމެ ބޮޑަށް ސިޔާސީ ކުރި ފަރާތް ތަކުގެ ތެރޭގައި މިހާރުގެ ޕޮލިސް ކަމިސަނަރ އަބުދުﷲ ރިޔާޒުގެ އިތުރުން ޑިފެންސް މިނިސްޓަރ ވެސް ހިމެނެއެވެ. ވަރަށް ކުރިންވެސް ޕޮލިސް ކޮމިސަނަރ ޓުވިޓަރ ބޭނުން ކުރާކަން އެނގެއެވެ. ސިޔާސީ އެކިއެކި ހިޔާލު ތަކުގެ ފިނި ހޫނު ކަން އެންމެ ބޮޑަށް ފޯރާނެ ފަރާތް ތަކުގެ ތެރޭގައި މިދެންނެވި ފަރާތްތައް ވާކަމީ މިއަދު ސައްކު އުފެދޭކަމެއް ނޫނެވެ.
ދުނިޔޭގެ އެންމު ކުރިއަރާފައިވާ އެމެރިކާގެ ރައީސް ބަރަކު އޮބާމާވެސް ޓުވިޓަރ ބޭނުން ކުރައްވާ އިރު އެބޭފުޅާގެ ޓުވިޓަރ މެސެޖު ތައް އެތައް މިލިއަން ބަޔަކު ކޮންމެ ދުވަހަކު ވެސް ބަލައެވެ. ނުވަތަ ފޮލޯކުރެއެވެ. އަދި އެ "ޓުވީޓު" ތައް ނޫސްތަކުގެ ފަލަ ސުރުހީ އަށް ވެގެން ވެސް ދެއެވެ. ހާލަތާއި މުހިއްމު ވަގުތުގައި ކުރަމުންދާ ކަންކަން އެހެން ފަރާތް ތަކަށް އަންގާލަދޭ ވަސީލަތެއްގެ ގޮތުގައި ވެސް ޓުވިޓަރ ސިފަކުރެއެވެ.
އެހެން ކަމުން ޓުވިޓަރ އުފެއްދި ފުރިހަމަ ބޭނުން ހިފެމުންދާކަމަށް ބެލެވެއެވެ. އެއީ ހަމަ އެކިއެކި ކަންކަން އޭގެ މުހިއްމު ވަގުތުގައި އަންގާލަ ދިނުމަށެވެ. ނުވަތަ އަޅުގަނޑުމެންގެ ބަހުން ނަމަ "ގޭސް" އަނބުރާށެވެ.