27 May 2023, 23:29
ރައީސް ޞާލިޙްގެ ވެރިކަން ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ދޭނޭކަމަށް ރައްޔިތުންގެ މަޖިލީސް ތަމްސީލްކުރައްވާ ފ. ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.
މަގޫދޫގައި އިމާރާތްކުރި ފެނަކައިގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އަހުމަދު ހަލީމް ވިދާޅުވީ، ކުރީގައި މަސައްކަތް ކުރަމުންދިޔަ ގޮތަށް އެމްޑީޕީން މަސައްކަތް ކުރާނީ ރައީސް ސާލިހް އާއެކު ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ދީގެން ކަމަށެވެ. އެކަމުގެ ޔަޤީންކަން ރައީސް ޞާލިޙްއަށް ދެއްވާ ކަމަށް ވެސް މިރޭ އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ ރާއްޖެއަށް މި ލިބުނު ތަރައްޤީގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ މުހިއްމު ކަންތައްތަކުގައި އެއްބާރުލުން ސަރުކާރަށް ދެވުނީތީ. ރައީސް އަޅުގަނޑުމެނަށް ވަކިވަކި ގުޅުއްވާފައި އެބަހުރި ބައެއް ކަންކަން ކުރައްވަން އެދިވަޑައިގެންފައި. މިގޮތުން އެންމެފަހުން ޓީޖީއެސްޓީ އަދި ޖީއެސްޓީއަށް ގެނައި ބަދަލު ހިމެނޭ" ދޮންބިލެތް ވިދާޅުވިއެވެ.
ސަރުކާރަށް މިވީ ދުވަސްތަކުގައި ދާއިރާގެ ތަރައްޤީއަށް ރައީސް ޞާލިޙްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ، މަގޫދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްގީ ކުރަން ރޭވުމުގައި ރައީސް ޞާލިޙް އަދާކުރެއްވި ދައުރު ފާހަގަކޮށްލެވޭ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ކުރިއަށްއޮތް ތަނުގައި ރައީސް ޟާލިޙުގެ ވެރިކަން ދެމެހެއްޓުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އަހުމަދު ހަލީމް ވިދާޅުވެފައިވާއިރު، ސިޔާސީ ދާއިރާގައި އޭނާ ފާހަގަކޮށްލެވެނީ ރައީސް ނަޝީދުގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައެވެ.
މިގޮތުން ރައީސް ނަޝީދަށް އަމާޒުކުރެވިގެންދިޔަ ބޮމުގެ ހަމަލާއަށް ފަހު ރައީސް ޞާލިހް އާއި ރައީސް ނަޝީދުގެ ގުޅުމާއި މެދު އެންމެ ފުރަތަމަ ސުވާލު އުފައްދަވައި ވާހަކަދެއްކެވީ ވެސް ދޮންބިލެތް ހަލީމެވެ. އޭރު އޭނާ ވަނީ، ބޭސްފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވި ފަހުން ރައީސް ޞާލިޙް ގުޅުއްވާފައި ނުވާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.