28 Apr 2012, 11:22
މި މަސާޖް ކުރަން ފެށުމުގެ ކުރިން މޫނުގައި މޭކަޕް ހާކާފައިވާނަމަ ފުރަތަމަ ކަމަކަށް އެ ސާފު ކުރުމަށްފަހު މޫނު ގައި މޮއިސްޗަރައިޒިން ކްރީމް އެއް ހާކާށެވެ. މި މަސާޖް ރަނގަޅީ ކޮންމެ ދުވަހަކު ކުރުމެވެ.
• މަސާޖް ކުރަން ބޭނުން ކުރާ ތެޔޮ ނުވަތަ މޮއިސްޗަރައިޒިން ލޯޝަން އަތަށް އެޅުމަށްފަހު ދެ އަތުގައި އުނގުޅާލާށެވެ. އަދި ކަރުގަޔާއި މޫނުގައި ދިގަށްވާ ގޮތަށް ހާކާށެވެ. މިގޮތަށް ހާކާއިރު ހާކާނީ މޫނުގެ ތިރިން ފެށިގެން މައްޗަށެވެ. ދެން ލޯ ކައިރީ ވަރަށް މަޑުމަޑުން ވަށްކޮށް ހާކާށެވެ. ލޯ ކައިރި ހަމަކީ އެންމެ ނާޒުކު ހަންކަމުން ލޯ ކައިރި މަސާޖް ކުރަން ބޭނުން ކުރާނީ ކަށި އިނގިއްޔެވެ.
• ކަރުން މައްޗަށްވާ ގޮތަށް މަޑުމަޑުން ފަހަރަކު އަތަކުން މަސާޖް ކުރާށެވެ. މިގޮތަށް މުޅި ކަރު ކުރާށެވެ. ވައަތު ކަންފަތް ކައިރިން ފަށައިގެން ކަނައަތު ކަންފަތް ކައިރި އާއި ހަމައަށެވެ.
• ދެ އަތުގެވެސް ޝަހާދަތް އިނގިލި އަދި މެދު އިނގިލި ބޭނުން ކޮށްގެން، ދަތްދޮޅިން ކަންފަތާ ދިމާލަށް ވާ ގޮތަށް ގެންދާށެވެ.
• ހުރިހާ އިނގިލިތައް އެއްކޮށްލުމަށްފަހު ދެ އަތުން ނޭފަތުގެ މަތީ ކަރިން ދެ އަރި މައްޗަށް ފިތާލާށެވެ. ދެތިން ސިކުންތު މި ގޮތަށް ފިތާލައިގެން ހުރުމަށްފަހު ދޫކޮށްލާށެވެ. އަދި އަނެއްކާވެސް ހަމަ އެގޮތަށް ފިތާލާށެވެ.
• މަޑު މަޑުން ދެ އަތް މޫނުގެ ދެ ފަރާތަށް، ކޮލާވީ ކޮޅަށް ގެންދާށެވެ. ނިންމާނީ ކަންފަތް ކައިރިއަށެވެ. ކުޑަވައި އިނގިލިން ކަންފަތް ކައިރީ ހުންނަ ޕްރެޝަރ ޕޮއިންޓަށް ފިތާލާށެވެ. މިހެން ވެސް ދެތިން ސިކުންތު ފިތާލައިގެން ހުންނަންވާނެއެވެ.
• އަތް ކުޑަކޮށް މުއްކެވުމަށްފަހު ބޮޑުވައި އިނގިލި ބޭނުން ކޮށްގެން ތުންފަތް ކައިރި މަސާޖް ކޮށްލަށެވެ. އަދި ތުންފަތް ކައިރީ ހުންނަ ޕްރެޝަރ ޕޮއިންޓަށް ވެސް ދެތިން ސިކުންތު ވަންދެން ފިތާލާއިގެން ހުންނާށެވެ. އެއަށްފަހު ނޭފަތް މައްޗާއި ނޭފަތުގެ ކައިރި ވެސް މި ބުނި ގޮތަށް މަސާޖް ކޮށްލާށެވެ.
• މެދު އަދި ކަށި އިނގިލި ބޭނުން ކޮށްގެން ބުމައިގެ ބުޑުން ފެށިގެން ކޮޅާހަމައަށް މަޑުމަޑުން ފިތަމުން ގެންދާށެވެ. އަދި ކުޑަވައި އިނގިލި ބޭނުން ކޮށްގެން ލޮލުގެ ތިރީ ވަޅުން ފެށިގެން ބުމައިގެ ކޮޅާވީ ފަޅިއަށް މަސާޖް ކޮށްލާށެވެ.
• ލޯ މަރާލުމަށްފަހު ކަށި އިނގިލިން ލޯމަތި މަސާޖް ކޮށްލާށެވެ. މިގޮތަށް ދެ ލޮލުގައިވެސް ވަށްކޮށް ވާ ގޮތަށް އިނގިލި ގެންދާށެވެ.
• ހުރިހާ އިނގިލިތައް އެއްކޮށްލުމަށްފަހު ބުމަ ކައިރިން ނިތްކުރި މައްޗަށްވާ ގޮތަށް ފަހަރަކު އަތެއް ގެންދާށެވެ.
• ލޯ މަރާލުމަށްފަހު ދެއަތް އެއްކޮށް މޫނުމަތީގައިގައި ބާއްވާލާށެވެ. އަދި ސިކުންތެއް ވަންދެން ޕްރެޝަރ ވާނެހެން ފިތާލުމަށްފަހު ބާރު ދޯކޮށަލާށެވެ.
• ކަނާއަތުން ވައަތު ކަރަށް ވާންވާ ގޮތަށް މަޑުމަޑުން މަސާޖް ކޮށްލާށެވެ. އަދި ހަމަ މިހެން ވައަތުން ކަނާއަތު ކަރުގައި މަސާޖް ކޮށްލާށެވެ.