ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރުމާ އެކު އެ ޖަމްއިއްޔާއަށް އައު ރައީސް އަކު އިންތިހާބުކުރުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފި އެވެ.

ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ އާންމު ގަވާއިދު ބުނާ ގޮތުން ޖަމްއިއްޔާގެ ރައީސް އެހެން މަސްއޫލިއްޔަތެއް އަދާކުރަން ފައްޓަވައިފިނަމަ މަގާމުން އަމިއްލައަށް ވަކިވާނެ ކަމަށެވެ.

އެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ ގަވާއިދާއި އެއްގޮތަށް ވީ އެންމެ އަވަހަކަށް ރައީސްއަކުން ހޮވަން ބާއްވަން ޖެހޭ އިންތިހާބު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށާއި އެ މަސައްކަތް މިހާރު ފައްޓަވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ޖަމިއްޔާގެ އަސާސީ ގައިދުގެ މަތިން ވީހާވެސް އަވަހަކަށް އިންތިހާބް ބޭއްވުމަށް ތައްޔާރު ވަމުން. އެގޮތުން ވަރަށް އަވަހަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވޭނެ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައު ރައީސް އިންތިހާބު ކުރެވޭނެ ކަމަށް މި ބަލަނީ" އާސިފް ވިދާޅުވި އެވެ.

ޗެމްބަރުގެ ރައީސް ކަމަށް އަދީބު އިންތިހާބުވެ ވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެ ޖަމްއިއްޔާގެ އަހަރީ އިންތިހާބުގަ އެވެ. އަދީބާއި އާސިފްގެ އިތުރުން ދެން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސްއަކަށް އިންތިހާބުވި ޔޫރޯ ސްޓޯރުގެ ހިއްސާދާރު އިސްމާއިލް ނޫރައްދީންނެވެ.