27 May 2023, 15:26
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް 15 ގައުމަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދައުވަތު ދީފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އީސީން މިދިޔަ ހަފުތާ ރަސްމީކޮށް ދައުވަތު ފޮނުވާފައިވާކަމަށެވެ.
އެ 15 ގައުމަކީ ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް، ސައުތު ކޮރެއާ، ކްރިގިސްތާން، ހޮންޑުރާސް، ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޯޑަން، ކެނެޑާ، ޖަޕާން، ނޭޕާލް، ސައުތު އެފްރިކާއެވެ.
މިކަމާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބު އޮބްޒާވްކުރަން ހުށަހަޅާފައިވަނީ، އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭވެބް) އަދި ސާކް ގައުމުތަކުގެ އިލެކްޝަން ބޮޑީސް، ފެންބޯސާގައި ބައިވެރިވެފައިވާ ގައުމުތައްކަމަށެވެ.
ހަބީބް ވިދާޅުވީ ކޮންމެ ގައުމަކުންވެސް ދައުވަތު ދީފައިވާނީ ދެ ބޭފުޅަކަށް ކަމަށެވެ. މި ފަރާތްތަކުގެ ޚަރަދުތައް ބަލަހައްޓާނީ އެ ކޮމިޝަނުންނެވެ.
އިންތިޚާބު އޮބްޒާވް ކުރުމަށް ރާއްޖެއަށް ދައުވަތު ދޭ ގައުމުތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.