27 May 2023, 12:27
މާލޭ ސިޓީ ކައުންސިލާއި ޗައިނާގެ ސިޓީއެއްކަމަށްވާ ޕިންގްޓަން ސިޓީ ގުޅިގެން މަަސައްކަތްކޮށް އެހީތެރިވުމާމެދު ދެ ސިޓީގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.
މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެފައިވަނީ ޕިންގްޓަން ސިޓީގެ ޚާރިޖީ ގުޅުންތަކާއި، ގެދޮރުވެރިކަމާއި މުނިސިޕަލް ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި މޫދުކުޅިވަރުގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާގެ ބޭފުޅުން ހިމެނޭ ވަފުދަކުންނެވެ.
އެ މަޝްވަރާ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން މާލޭ ސިޓީ ކައުންސިލުން ބުނީ ޗައިނާގެ ޕިންގްޓަން ސިޓީގެ އިސްވެރިންގެ ފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރިކަމަށެވެ.
އެގޮތުން ޕިންގްޓަން ވަފުދުންވަނީ ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން އޮޅުންފިލުވައި، އޭގައިވާ މުހިންމު ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭނެކަމަށް ބުނެފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ޗައިނާގެ ތިން ސިޓީއަކާއެކު މިހާރު ވެސް މާލެ ސިޓީން ވެފައިވާ 'ސިސްޓާ ސިޓީ' އެއްބަސްވުމުގެ ދަށުން ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށެވެ.
މީގެ ކުރިން ވެސް ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް މުއިއްޒުވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޕިންގްޓަން ސިޓީ އަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން ޗައިނާގައި ހިންގޭ ދެވަނައަށް އެންމެ ބޮޑު މަޝްރޫއެވެ.