ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފ. އަތޮޅަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސްގެ ދެކަބަލުން ވަޑައިގަތީ އެއަތޮޅުގެ ވެރިރަށް ނިލަންދުއަށެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި އެ އަތޮޅުގައި މި ސަރުކާރުން ހިންގި މުހިންމު މަޝްރޫތައް އިފްތިތާހުކުރުން އޮންނާނެއެވެ. ދަތުރުފުޅުގެ އިތުރު މައުލޫމާތު އެ އޮފީހުން ފަހުން ހިއްސާކުރާނެކަމަށް ބުންޏެވެ.

ރައީސް ދެން ވަޑައިގަންނަވާނީ ދަރަނބޫދޫއަށާއި، މަގޫދޫއަށެވެ. އެ ދެ ރަށަށްފަހު ވަޑައިގަންނަވާނީ ބިލެތްދޫއަށާއި ފީއައްޔަށެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ރަައީސް ބައްދަލުކުރައްވާނެއެވެ.

އަދި ސަރުކާރުގެ މަޝްރޫތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމާއި، ފ. މަގޫދޫގައި އަޅައި އެއާޕޯޓުގެ މަސައްކަތް ވެސް ރައީސް ބައްލަވައިލައްވާނެއެވެ.

ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަންނަވާނެ ވަކި ތާރީޚެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.