މިއަންނަ އަހަރުގެ ޖަނަވަރީ މަހު މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ފިލްމު "ޕަތާން ވާސަސް ޓައިގާ"އިން ބަތަލާ ކެޓްރިނާ ކައިފްއާއި ދިޕިކާ ޕަދުކޯން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމު "ޕަތާން ވާސަސް ޓައިގާ"އަކީ މިއަހަރުގެ ޖަނަވަރީ މަހު ރިލީޒްވި "ޕަތާން"ގައި އެކްޓަރު ސަލްމާން ޚާންގެ ފެނިލުމާއެކު ދެ ތަރިންގެ ފިލްމަކަށް ބެލުންތެރިން އުއްމީދުކުރަމުން ދަނިކޮށް އިއުލާނުކުރި ފިލްމެކެވެ.

ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވަސްއިން ގެނެސްދޭ މިފިލްމަކީ، ކުރިޔަށް އޮތް އަހަރު ގިނަ ބަޔަކު އެންމެ އިންތިޒާކުރާ އެއް ފިލްމެވެ. ދިޕިކާއަކީ "ޕަތާން"އިން ޝާހްރުކް ޚާންއާއެކު ލީޑް ރޯލްއިން ފެނުނު ބަތަލާއެވެ. މިފިލްމުވެފައިވަނީ ސްޕައި ޔުނިވަސްގެ އޭނާގެ ފުރަތަމަ ފިލްމަށެވެ.

"ޕަތާން"ގައި ރުބީނާ މޮހްސިންގެ ރޯލްއިން ދިޕިކާ ފެނުނުއިރު ކެޓްރިނާ އަކީ ފިލްމު "ޓައިގާ" ފްރެންޗައިސްގެ ބަތަލާއެވެ. މިފިލްމުގެ އިތުރުންވެސް ކެޓްރިނާވަނީ ޔަޝް ރާޖް ފިލްމްސްގެ އެހެން ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައެވެ. މިއީ ދިޕިކާ އާއި ކެޓްރިނާ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

މި ދެތަރިންނަކީވެސް އެކްޓަރު ރަންބީރު ކަޕޫރާއި ލޯބީގެ ގުޅުމެއް ކުރިން އޮތް ދެ ބަތަލާއިންނެވެ. ރަންބީރުގެ މައްސަލައިގައި ދެ ތަރިންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުންތަކެއް މީގެކުރިން އުފެދުމަށްފަހު މިހާރު ދެ ބަތަލާއިންގެ ގުޅުންވެސްވަނީ ރަނގަޅުވެފައެވެ.

ދިޕިކާއާއި ކެޓްރިނާ އެއް ފިލްމަކުން ފެނުމަކީ ބެލުންތެރިން އެންމެ ދެކެން ބޭނުންވާނެ އެއް މަންޒަރަށް ވެގެންދާނެއެވެ. ސިދާތް އާނަންދު ޑައިރެކްޓްކުރާ "ޕަތާން ވާސަސް ޓައިގާ" ވާނީ ފިލްމު "ޕަތާން"އެކޭ އެއްގޮތަށް ވަރަށް ވަރުގަދަ އެކްޝަން ތްރިލާއަކަށެވެ.