ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލްކުޅޭ ވެބް ސިރީސް "ސިޓަޑެލް"ގެ ދެވަނަ ސީޒަނެއް އުފައްދާނެކަމަށް މިވެބް ސީރީސްގެ މޭސްތިރިންކަމަށްވާ ޖޯ ރުސޯ ބްރަދާސް ކަށަވަރުކޮށްދީފިއެވެ.

ރުސޯ ބްރަދާސްގެ ނަމުން މަޝްހޫރުވެފައިވާ ޖޯ އަދި އެންތަނީ ރުސޯގެ "ސިޓަޑެލް"ގެ ދެވަނަ ސީޒަންވެސް ޑައިރެކްޓުކުރާނީ ދެ މީހުން އެކުގައެވެ. ހަމަ މިއާއެކު ދެވަނަ ސީޒަންގެވެސް އެންމެ މުހިއްމު ރޯލުން ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ރިޗަޑް މެޑްން ފެންނާނެކަމަށްވެސް ރުސޯ ބްރަދާސްއިންވަނީ ކަށަވަރުކޮށްދީފައެވެ.

މިދިޔަ މަހުގެ 28ގައި އެމޭޒަން ޕްރައިމްއިން ރިލީޒްކުރި "ސިޓަޑެލް" ވެބް ސީރީސްގެ ފުރަތަމަ ސީޒަން އުފައްދާފައިވަނީ ހަ އެޕިސޯޑްގެ މައްޗަށެވެ. ފުރަތަމަ ސީޒަންގެ އެންމެ ފަހު އެޕިސޯޑް އިއްޔެ ނިންމާލިއިރު ދެވަނަ ސީޒަންގެ ޓީޒާއެއްވެސްވަނީ އެމޭޒަން ޕްރައިމްގެ ބޯނަސް ވީޑިއޯގައި ދައްކާފައެވެ.

"ސިޓަޑެލް"އަކީ އެމޭޒަން މެދުވެރިކޮށް އެމެރިކާގެ އެންމެ ގިނަ ބަޔަކު ދެވަނައަށް ބެލި އޮރިޖިނަލް ވެބް ސީރީސްކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. ޕްރިޔަންކާ އާއި "ގޭމްސް އޮފް ތްރޯންސް"އިން ބޮޑު މަގުބޫލުކަމެއް ހޯދި ރިޗަޑް މެޑްން "ސިޓަޑެލް"އިން ފެންނަނީ ކުޅަދާނަ ޖާސޫސުންގެ ގޮތުގައެވެ.

އެމޭޒަން ޕްރައިމްގެ އިސްވެރިޔަކު ބުނެފައިވަނީ، މި ވެބްސީރީސްއާއެކު އެ ޕްލެޓްފޯމަށް ލިބޭ އިންޓަނޭޝަނަލް ކްލައިންޓުންގެ އަދަދު އިތުރުވާނެކަމަށް ގަބޫލުކުރާކަމަށެވެ.

މިވެބް ސީރީސްގެ އެމެރިކަން ވާޝަންގެ ފުރަތަމަ ސީޒަން ނިމިފައިވާއިރު، "ސިޓަޑެލް އިންޑިއާ"ގެ ނަމުގައި އެމޭޒަން ޕްރައިމްއިންވަނީ ހިންދީ ބަހުން ސީރީސްއެއް އުފެއްދުމަށް ނިންމާފައެވެ. ވަރުން ދަވަން އާއި ސައުތު ސިނަމާގެ ބަތަލާ ސަމަންތާ ރޫތު ޕްރަބޫ ލީޑް ރޯލް ކުޅެން ސޮއިކޮށްފައިވާ މިވެބް ސީރީސްގެ ޑައިރެކްޓަރުންނަކީ ރާޖް އެންޑް ޑީކޭގެ ނަމުން މަޝްހޫރުވެފައިވާ ދެ ޑައިރެކްޓަރުންނެވެ.