އެކްޓަރު ސަނީ ޑިއޯލްއާއި ބަތަލާ އަމީޝާ ޕަޓޭލްގެ ފިލްމު "ގަދަރު"އެކް ޕްރޭމް ކަތާ"ގެ ސީކުއަލް ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު މިސީކުއަލްގެ ކުރިން ފިލްމު "ގަދަރު" ތިއޭޓަރުތަކުގައި ދައްކަން ނިންމައިފިއެވެ. އެ ފިލްމުގެ ޑިޖިޓަލް ކޮލިޓީ ކުރިޔަށްވުރެ ރީތިކުރުމަށްފަހު ފިލްމު ތިއޭޓަރުތަކަށް ގެންނަން ނިންމާފައި ވަނީ ފިލްމު ރިލީޒްކުރިތާ 22 އަހަރުފަހުންނެވެ.

އަންނަ މަހުގެ ނުވައެއްގައި ފިލްމު އަލުން ސިނަމާތަކުގައި ދެއްކުމުގެ ބޭނުމަކީ "ގަދަރު 2" ރިލީޒްކުރުމުގެ ކުރިން، 2001ވަނަ އަހަރު ރިލީޒްކުރި ފިލްމުގެ ހަނދާންތައް އާކުރުންކަމަށް ފިލްމު ގެނެސްދޭ ޒީ ޓެލެފިލްމްސްއިންވަނީ ބުނެފައެވެ.

"ގަދަރު 2: ދަ ކަތާ ކޮންޓިނިއުސް"ގެ ޑައިރެކްޓަރަކީ ފުރަތަމަ ފިލްމުވެސް ޑައިރެކްޓްކުރި އަނިލް ޝަރްމާއެވެ. ލޯބީގެ އެކްޝަން ޑްރާމް މިފިލްމުގެ ދެވަނަ ބައި ގެނެސްދޭނީ ފުރަތަމަ ބައިގައި ގެނެސްދިން ވާހަކައާ ގުޅުވާފައެވެ.

އަމީޝާ އާއި ސަނީގެ އިތުރުން ފުރަތަމަ ފިލްމުގައި ކުޑަ ކުއްޖެއްގެ ރޯލްއިން ފެނުނު އުތުކަޝް ޝަރްމާވެސް "ގަދަރު 2"އިން ފެންނާނެއެވެ. އުތުކަޝް ޝަރްމާއަކީ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރްމާގެ ދަރިފުޅެވެ. ޝަކްތިމަން ތަލްވާރު ލިޔެފައިވާ ވާހަކައިގެ މައްޗަށް ބިނާކޮށްގެން އުފެއްދި ފިލްމު "ގަދަރް"އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

"ގަދަރު"ގެ ސީކުއަލް ރިލީޒްކުރުމެ މަސައްކަތް ކުރިޔަށްދާއިރު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާ ތާރީޚަކީ މިއަހަރުގެ އޮގަސްޓް 11އެވެ. ނަމަވެސް މިއީ އެކްޓަރު ރަންބީރު ކަޕޫރުގެ ފިލްމު "އެނިމަލް"ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ތާރީޚުކަމަށްވެފައި "ގަދަރު 2" ރިލީޒްކުރާ ތާރީޚު ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. ސަނީ ޑިއޯލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޗުޕް: ރިވެންޖް އޮފް ދަ އާޓިސްޓް"އިންނެވެ.