އެމްޑީޕީއަކީ އަބަދު ވެސް އިސްލާހުގެ ވާހަކައިން ފަށާބައެއް ކަމަށް ބުނެ އެވެ. އިގްތިސޯދީ އިސްލާހީ އެޖެންޑާއަކީ އެ ސިލްސިލާ އަށް އިތުރުވި ބޮޅެކެވެ. ނަމަވެސް އެއީ ސިޔާސީ ގޮތުން ކާމިޔާބުބޮޅެއް ކަމަށް ނުބެލެވޭނެ އެވެ. އިލްމީ ނަޒަރަކުން އެއީ ރަނގަޅު އެޖެންޑާއެއް ކަމަށް ވިޔަސް ގިނަ ސިޔާސީ ވެރިން އިގްތިސޯދީ އެޖެންޑާއާ ދެކޮޅުހެދި އެވެ. ހާއްސަކޮށް ޖީއެސްޓީ އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމުން ސިޔާސީ ފަރާތްތައް އުތުރި އެރި އެވެ.

އެއާޕޯޓު ވިއްކާލީ ކަމަށް ބުންޏެވެ. ޓެކްސް ފައިސާ ދަނީ ޖީބަށް ކަމަށް ބުނެ އަޑުއުފުލި އެވެ. އެ އަޑުތަކުގެ އިސްވެރިން ބާރުވެރިވެ އެމްޑީޕީ އިދިކޮޅި ޕާޓީ އަށް ވުމުން އެ ކަންކަމަށް އައި އަމަލީ ސިފަޔެއް ވަކި ނުފެނުނެ އެވެ. އެމްޑީޕީ ވެސް އަދި ބައެއް ރައްޔިތުން ވެސް އުފައްދާނޭ ސުވާލަކީ ވާހަކަތަކަށް އަމަލީ ސިފަ ނުގެނެވުނީ ކީއްވެ ބާއެވެ؟ އެކަންތައްތައް މިހާރު ހަމަ ރަނގަޅު ވީ ބާއެވެ؟

"މިހާރު މި އޮތް ދުވަސް ކޮޅު ތެރޭގައި އިގުތިސާދީ އެޖެންޑާ އަށް މާ ބޮޑު ބަދަލުތަކެއް ނުގެނެވޭނެ. މި ގޮތަށް ދާނީ،" އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިގްތިސޯދީ ޕްލޭނަށް އާބަސް ބުނަން މިނިސްޓަރުގެ އުޒުރަކީ ވަގުތު ނެތުމެވެ. ހިންގަން ޖެހެނީ އެމްޑީޕީ ސަރުކާރެއްގެ މެނިފެސްޓޯއަކަށް ވުމެވެ. އެ ގޮތްތައް ނުވަތަށް އަނބުރާލުމަށް އުނދަގޫވުމެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވެސް ވިދާޅުވީ އިންކަމް ޓެކްސް ބިލްނޫން ހުރިހާ ބިލަކަށް ސަރުކާރުން ތާއީދު ކުރާ ކަމަށެވެ. އަދި ޖީއެމްއާރުން އެއާޕޯޓް ނެގުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ؛ "ސަރުކާރުންކޮށްފައި އޮތް ކޮންޓްރެކްޓްތަކަށް އަޅުގަނޑުމެން އެބަ އަމަލުކުރަން ޖެހޭ،" ކަމަށެވެ.

ސަރުކާރުން ކިތަންމެ އުޒުރެއް ދެއްކިޔަސް ފާޑުކީ މީހުންނަށް ފާޑުކީ ހުރިހާ ކަމެއް "އޯކޭ" ވެއްޖެ ކަމަށް ބުނެ އެމްޑީޕީން އަޑު ހަރުކޮށް ސަރުކާރަށް ހަޖޫޖަހަން ފަށާފައިވެ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަކީ އިހުލާސްތެރިކަމެއް ނެތް ސިޔާސީ ގޮތުން ބޯޅަ ޖަހަން ދެއްކި ވާހަކަތަކެއް ކަމަށް އެމްޑީޕީން މިއަދު ތުހުމަތު ކުރެ އެވެ.

"މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް އެވާހަކަތައް އޭރު ވެސް ގަބޫލު ކުރެއްވި. އެދުވަހު ރައްޔިތުންނަށް އޮޅުވާލުމަށް ކުރެއްވި މަސައްކަތް އެއީ ޖީއެމްއާރު އަތުލާނެ ކަމަށްބުނީ. ޖީއެސްޓީ ނުނަގާ މި ގައުމަށް ތަރައްގީ ނުނެގެނެކަން އެންމެވެސް ގަބޫލު ކުރޭ. ހަމަ ބޭނުމަކީ ރައްޔިތުނަށް އޮޅުވާލާ ވެރިކަމުގެ އާރާބާރު ލިބިގަތުން." ޝިފާޒް ވިދާޅުވި އެވެ.

އެމްޑިޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިހާރު ތަކުރާރުކޮށް މަޒާޖީ ގޮތަކަށް ވިދާޅުވަނީ؛ "ބޫން ބޫން ލާފައި އަދިވެސް ބޯޓް ޖައްސަމުން އެދަނީ އިބްރާހިމް ނާސިރު ޖީއެމްއާރު އިންޓަރނޭޝަން އެއާޕޯޓަށް. ކެރެންޏާ ބުނި ގޮތަށް 24 ގަޑި އިރުތެރޭގައި ޖީއެމްއާރު އަތުން އެއާޕޯޓް ނަގާބަލަ،"

އެ ހަޖޫ ޖެހުންތައް ކިތަންމެ ވަރަށް ސަރުކާރަށް ރައްދުވިޔަސް ސަރުކާރު އޮތީ މަޑުންނެވެ. އެކަމަށް އެއްޗެއް ނުބުނެ އެވެ. އެމްޑީޕީ އެވާހަކަތައް ދައްކަން އޮތީ ދޫކޮށްލާފަ އެވެ. ސަރުކާރުގެ ބަސްމަގުން ކީހާޅެން އެވީ ފަރިއްސަސެވެ. މިއަދު އެ ހުރީހާ ކަމެއް "އޯކޭ" ވީ އެވެ. އެކަމަކު ހަނދާނުން ފުހެލައިގެން ނުވާނެ އެވެ. ކުއްލިއަކަށް ވެރިކަމެއް ވެއްޓި ބަޔަކު ހިންގަންފަށާފައި އޮތް ސިޔާސަތެއް ބަދަލުކުރުމަކީ އުނދަގޫ އަދި ދިގު ދަތުރެކެވެ. އެއީ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެވެ. ހަމަ އެއާ އެކު، ސަރުކާރު ހިންގާ ޕާޓީގައި ހިމެނޭ މީހުން ގަބޫލު ކުރާ ގޮތުގައި އެއާޕޯޓް ޖީއެމްއާރާ ހިންގަން ހަވާލުކުރުން އޯކޭ ނުވިއަސް ކުރެވޭނެ ކަންތައްތައް މިވަގުތަަށް ވަރަށް މަދެވެ. އަދި އެކަން އޯކޭ ނުވާ ކަން އެނގޭ އެއްކަމަކީ މާ ބޮޑު އިންވެސްޓަކާ ނުލައި މަހުން މަހަށް މިލިއަން ޑޮލަރުން ޖީއެމްއާރުން ފައިދާ ނަގަމުން ދިޔުމެވެ.