28 Apr 2012, 10:53
ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ކަނޑައަޅާފައިވާ ހެލްތު އިންޝުއަރެންސް ސުކީމުގައި ހިމެނޭ މެންބަރުން އާސަންދައިން އިސްތިސްނާ ކުރުމަށް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ ބެޖެޓްގައި އާސަންދަ އަށް ހަރަދު ކުރުމަށް ހުއްދަކޮށްފައިވާ މިންވަރަށް ވުރެ، އިތުރަށް އާސަންދައިން ހަރަދު ކުރަމުން އަންނަ މައްސަލަ މާލިއްޔަތު ކޮމެޓީން ބަލައި ނިންމުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައި ވަނީ މަޖިލިސް މެންބަރުން އާސަންދައިން އިސްތިސްނާ ކުރުމަށްޓަކައި އިޖުތިމާއީ ހިއްސާ އިންޝުއަރެންސްގެ ގައުމީ ނިމާމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނަށް އިސްލާހު ގެނައުމަށް މާލިއްޔަތު ކޮމެޓީން އެދުނީ ހެލްތު އިންޝުއަރެންސްގެ ދެ ސުކީމުގައި މަޖިލީހުގެ މެންބަރުން ހިމެނާފައިވުމުން ދައުލަތުގެ ބަޖެޓުން ހަރަދުވާ ފައިސާގެ ނިސްބަތް އިތުރުވާނެތީ އެވެ.
ދައުލަތުގެ ހަރަދުގައި އާސިޔާން ގައުމުތަކުން ބޭފަރުވާ ހޯދަމުން އަންނަ މަޖިލީހުގެ މެންބަރުން ހެލްތު އިންޝުއަރެންސްގެ ދެ ސުކީމުގައި ބައިވެރިކޮށްފައިވާ އިރު، ސިފައިންނާއި ފުލުހުންނާއި ސިވިލްސާވަންޓުންނާއި ޖުޑީޝަރީގެ ބޭފުޅުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ހެލްތު އިންޝުއަރެންސްގެ ދެ ސުކީމުގައި ޖައްސާފައިވެ އެވެ. އަދި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުން ވެސް ހެލްތު އިންޝުއަރެންސްގެ ދެ ސުކީމުގެ ދަށުން މިހާރު ވެސް ބޭސް ފަރުވާ ހޯދަމުންދެ އެވެ.
މާލިއްޔަތު ކޮމެޓީގައި ކުރި ބަހުސްތަކުގައި ހެލްތު އިންޝުއަރެންސްގެ ދެ ސުކީމުގައި ބައިވެރިކޮށްފައިވާ މީހަކު ނަމަ އެ މީހަކު އާސަންދައިން އިސްތިސްނާ ކުރުމަށް ބައެއް މެންބަރުން ހުށަހެޅުއްވާފައިވެ އެވެ. ނަމަވެސް މެންބަރުންގެ އެ ހުށަހެޅުއްވުން މާލިއްޔަތު ކޮމެޓީން ނިންމެވި ރިޕޯޓްގައި ހިމަނާފައެއް ނުވެ އެވެ.
އާސަންދައަށް ހަރަދު ކުރާ މިންވަރު ލުއި ކުރުމަށްޓަކައި މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމުން ފާސްކޮށްދެއްވުމަށް ރިކޮމަންޑޭޝަންތަކެއް ހުށަހަޅުއްވާފައިވެ އެވެ. އެއީ އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދަ ހިދުމަތްދޭންޖެހޭނީ ހަމައެކަނި ބަލިވެގެން އެޑްމިޓް ކުރާ މީހުންނަށް ކަމަށާއި އައިޖީއެމްއެޗުން ދެމުންދާ ހިދުމަތްތައް ފުޅާކޮށް ތަނުން ލިބިދެވެންނެތް ހިދުމަތްތައް އާސަންދަ ޕްރައިވެޓް ލިމިޓެޑުގެ ހުއްދައާ އެކު ޕްރައިވެޓް ހޮސްޕިޓަލަށްތަކަށް ރިފާ ކުރުމެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ކޯޕޭމަންޓަކާއި ނުލައި ކަނޑައަޅާފައިވާ ހިދުމަތްތައް މުޅިން ހިލޭ ދިނުމަށް ފާސްކޮށްދެއްވުމަށް މާލިއްޔަތު ކޮމެޓިން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އަދި ގައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަން ނުވަތަ ފުރޯޑްގެ އަމަލެއް ހިނގާފައިވޭތޯ ބެލުމަށް އާސަންދަ ނިޒާމް އޮޑިޓް ކުރުމަށް އޮޑިޓާ ޖެނަރަލްއަށް ހުށަހެޅުމަށް މާލިއްޔަތު ކޮމެޓީން އެދިފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތަކަށް ބަރޯސާވެ މާލިއްޔަތު ކޮމެޓީން އަންދާޒާ ކުރާ ގޮތުގައި އާސަންދަ އަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ މި އަހަރުގެ އޮކްޓޫބަރު މަހަށް ހުސްވާނެ އެވެ. އެއީ މި އަހަރުގެ ބަޖެޓްގައި އާސަންދަ އަށް ހަރަދު ކުރުމަށް ހިމަނާފައިވާ 720،336،200ރ. އެވެ.
އާސަންދަ ނިޒާމުން މިހާރު ހިނގަމުން އަންނަ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ނަމަ މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އާސަންދަ ނިޒާމް ކުރިއަށް ގެންދިއުމަށް އިތުރު 179،790،828ރ. ބޭނުންވާނެ ކަމަށް ވެސް މާލިއްޔަތު ކޮމެޓިން އަންދާޒާކޮށްފައިވެ އެވެ.