މަޖީދީމަގު މިލިއަން ބުކްޝޮޕް ކައިރިން އިއްޔެ މެންދުރު ފަހު ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ފުހުން ބުނެފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު މިއަދު ވިދާޅުވީ 18 އަހަރުން ދަށު ކުއްޖަކަށް އިއްޔެ ހަމަލަދީ ހިންގި މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި މިހާރު ވެސް އެ ކުއްޖާ އަށް ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވި އެވެ.

"މިހާރު އޭނާ އަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާގެ އާއިލާ އިން އެދިފައިވާތީ އޭނާގެ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހާމަކުރެވެން ނެތް ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރޫޕަކުން ގޮސް، އެ ޒުވާނާގެ ބުރަކަށީގެ ދެ ތަނަކަށާއި ވައަތުގެ ކޮނޑާ ދިމާލަށް ވަޅި ހަރައިފައިވެ އެވެ.

އަދި ހަމަލާދިން މީހުން އެވަގުތު ފިލާފައިވާ އިރު، ޒުވާނާ އަށް ހަމަލަދިން ދެ ވަޅި ފެނިފައިވަނީ ކާނެއްގެ ތެރެ އަށް އެއްލާލައިފައިވަނިކޮށެވެ. އަދި ޒަހަމުވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ މީހުން ވަނީ އެ ދެ ވަޅި ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.