ކަންދަހާރު (އޭޕްރީލް 28): ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އަފްޣާންރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓުވައި އަފްޣާން ބިމުން އެމެރިކާ އާއި ނޭޓޯގެ ބާރުތައް ފައްސާލާނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެފި އެވެ.

ތާލިބާންގެ ތަރްޖަމާނެއް ކަމަށްވާ ޤާރީ ޔޫސުފް އަޙަމަދީ ވިދާޅުވީ އެމެރިކާ އަފްޣާނިސްތާން އިސްތިޢްމާރުކޮށް އަފްޣާން ޢާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ގެންދަނީ އަފްޣާނިސްތާނަށް ޑޮމޮކްރަސީ ގެނައުމުގެ ނަމުގަ އާއި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ކަމަށާއި މިއީ އެމެރިކާ އަފްޣާނިސްތާނުގައި ހިންގާ ޤަތްލުއާންމުތަކާއި މީހުން މެރުމުގެ ޖަރީމާތައް ޖަސްޓިފައި ކުރުމަށް އެމެރިކާ ފަތުރާ ޕްރޮޕަގެންޑާ ވާހަކަތަކެއް ކަމުގަ އެވެ.

ތާލިބާންގެ ތަރްޖަމާން މިހެން ވިދާޅުވީ ކަންދަހާރުގައި އަފްޣާން ސިފައިންގެ މީހަކު އިއއްޔެ ބަޑިން ޙަމަލާދީ އެމެރިކާ ސިފައިންގެ މީހަކު މަރާލުމާގުޅިގެންނެވެ. އެމެރިކާ ސިފައިންގެ މީހާ މަރާލި އަފްޣާން ސިފައިންގެ މީހާމަރުވީ އެމެރިކާ ސިފައިން ރައްދުގައި ދިން ޙަމަލާތަކެއްގަ އެވެ. އަފްޣާން ސަރުކާރުންނާއި ނޭޓޯގެ ކޮމާންޑުން ވަނީ މިހާދިސާ ހިނގިކަން ކަށަވަރުކޮށްދީފަ އެވެ. މިޙަމަލާގެ ޒިންމާ އުފުލާފައި ވަނީ ތާލިބާނުންނެވެ.

އަފްޣާން ސިފައިން ވަކިވަކިން ދީފައިވާ ޙަމަލާތަކުގައި މިއަހަރުގެ މިހާތަނަށް އެމެރިކާ ސިފައިންގެ 16 މީހަކު މަރާލާފައިވެ އެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ތާލިބާނުންދިން ޙަމަލާތަކުގައި އެމެރިކާ އާއި ނޭޓޯގެ 100 އަށް ވުރެ ގިނަމީހުން ފާއިތުވި ހަތަރުވަރަކަށް މަސްތެރޭގައި މަރާލާފައިވެ އެވެ. ކަންދަހާރުގައި އެމެރިކާ ސިފައިން ދާދިފަހުން ވަނީ ރޭގަނޑުގެ ވަގުތުތަކުގައި ހަތިޔާރު ހިފައިގެން ގޭގެއަށް ވަދެ އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި ޢާއިލާތައް ހުރިހުރިގޮތަށް މެރުމުގެ ޖަރީމާތަކެއް ހިންގާފަ އެވެ.

ތާލިބާނުންނާ ހަނގުރާމަ ކުރުމަށް ކަމަށްބުނެ އެމެރިކާ ސިފައިންގެ ވައިގެ ޙަމަލާތައް އަފްޣާން ރައްފުށުގެ ޖިފުޓިތަކަށް އަމާޒުކޮށް އާންމުން މެރުމަކީ ވެސް ކޮންމެދުވަހަކު ކަހަލަގޮތަކަށް ހިނގަމުންދާ ޖަރީމާތަކެވެ. (އަލްޖަޒީރާ+އަލްޢާލަމް)