ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި، އަންނަ ހޮނިހިރު ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވިދާޅުވީ، އެ ދަތުރުފުޅުގައި ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ ފީއަލި އަދި ބިލެތްދުއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ، ރައީސްގެ އެ ދަތުރުފުޅުގައި، އެ ރަށްތަކުގައި ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް ނިންމާ އެ ޚިދުމަތް އިފްތިތާހު ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބައްދަލުވުންތަކުގައި ރަށްރަށުގެ ހާލަތު ސީދާ ރައީސްއަށް ކައުންސިލުތައް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސްއާ އެކު ވަޑައިގަންނަވާ އެހެން ވަޒީރުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް އެ ރައްޔިތުންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ބައެއް ފަހަރަށް ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަމަށާއި، ރައީސްގެ މި ދަތުރުފުޅުގައި، އެކަންކަމާ ގުޅިގެން ވެސް އެއްވެސް އިތުރު މީހަކު މެދުވެރިކުރުމެއް ނެތި، ސީދާ ރައީސްއާ، އެކަންކަން ހިއްސާ ކުރެވޭނެ މަގުފަހިވާނެ ކަމަށެވެ.

ރައީސް، ފ. އަތޮޅުގެ ފަސް ރަށަށް ކުރައްވާ މި ދަތުރަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.