28 Apr 2012, 09:47
ސިފައިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އާއިލީ ހަވީރު ހަވީރެއް ބާއްވައިފި އެވެ.
އެމްއެމްޑީއެފުން ބުނީ ކަޅުތުއްކަލާ ކޮށީގައި އިއްޔެ ފެށި މިހަވީރަކީ ކޮންމެ އަހަރަކު ވެސް ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ ހަވީރެއް ކަމަށާއި މާދަމާގެ ނިޔަލަށް މިހަރަކާތް ކުރިއަށްދާނެ ކަމަށެވެ.
ސިފައިންގެ އާއިލާތަކުގެ ގިނަ ކުޑަކުދިންތަކެއް ބައިވެރިވި މިހަވީރު ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ އިތުރުން ހަވީރަށް ދިޔަ ބައެއް ކުޑަކުދިންނެވެ.
އެ އާއިލީ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަފާތު ގޭމްތަކާއި، ލަވަކިޔުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ޔުނިފޯމްގައި ފޮޓޯ ނެގުންފަދަ ހަރަކާތްތައް ކުޑަކުދިންނަށް ވަނީ ހުޅުވާލާފަ އެވެ.