05 Aug 2010, 10:07
15:00
ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އާއިޝަތު ވެލިޒިނީ، އަޑުގަދަ ކުރައްވައި ހުރަސް އަޅުއްވަމުން ގެންދަވަނިކޮށް 59 ފަނޑިޔާރަކު ހުވާ ކުރައްވައިފި އެވެ.
މި ކަމަށްޓަކައި ހައިކޯޓުގެ ޝަރީއަތްކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތު ފެށެން ކައިރިވެފައި ވަނިކޮށް، ވެލިޒިނީ ފުރަތަމަ އަޑުގަދަކުރައްވަން ފެއްޓެވީ، ހުވާ ކުރެއްވުމަށް މާލަމަށް ވެދެވަޑައިގަންނަވަން ތައްޔާރަށް ތިއްބެވި، ހައިކޯޓާއި އެހެނިހެން ކޯޓުތަކުގެ ފަނިޑިޔާރުންނާއި މެޖިސްޓްރޭޓުންނާ މުހާތަބު ކުރައްވަ އެވެ. އަދި މާލަމަށް ފަނޑީޔާރުން ވަނަ ނުދެއްވުމަށް، ވެލިޒިނީ ހުރަސް އެއްޅުވި ނަމަވެސް ފަނޑިޔާރުން މާލަމަށް ވެދެވަޑައިގެން ގޮނޑިކޮޅުތަކުގައި އިށީންނެވުމުން، އެ ބޭފުޅުންގެ ފަހަތްޕުޅުން މާލަމަށް ވައްނަވައި، އެ ބޭފުޅުންގެ ކުރިފުޅުމަތީގައި ކޮޅުކޮޅަށް ހިންގަވަމުން ވެލިޒިނީ އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ. އޭނާ އަޑުގަދަކުރައްވައި ވިދާޅުވަމުން ގެންދެވީ، ފަނޑިޔާރުން ހުވާކުރެއްވުމުގެ ކަންތައް ޖުޑިޝަލް ސާވިސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ އެ ކޮމިޝަންގެ ރައީސް މުޖުތާޒު ފަހުމީގެ މަސްލަހަތު ހިމެނޭ ގޮތަށް އަދި އެކަމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް މުޖުތާޒު ފަހުމީ ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް އެވެ. އެހެންކަމުން ރައްޔިތުންގެ ހައްގަށްޓަކައި، އެއްވެސް ބޭފުޅަކު ހުވާ ނުކުރެއްވުމަށް ވެސް ވެލްޒިނީ އެދިވަޑައިގަންނަވަމުން ގެންދެވި އެވެ. އަދި ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ވަރަށް މުހިއްމު ރައްމިއްޔާތެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ރަސްމިއްޔާތު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވެސް ވެލެޒިނީ އެދިވަޑައިގަންނަވަމުން ގެންދެވި އެވެ. އަދި ހުވާ ނުކުރުމަކުން އެއްވެސް ފަނޑިޔާރެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި ޝަތުރު ފުރިހަމަވާ ނަމަ ވަޒީފާ ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ބޭފުޅުން ކުރައްވަމުން އެ ގެންދަވަނީ ގާނޫނާ ހިލާފް ހުވައެއް ކަމަށް ވެސް ވެލިޒިނީ ވިދާޅުވަމުން ގެންދެވި އެވެ.
އެ ހަމަނުޖެހުމުގައި ރަސްމިއްޔާތު ދިގުދެމިގެން ދިއުމުގެ ސަބަބުން، ރަސްމިއްޔާތު ކުރިއަށް ގެންދެވުމަށް ބައެއް ފަނޑިޔާރުން ކޮމިޝަންގެ ރައީސް މުޖުތާޒު ފަހުމީއަށް ދަންނަވަމުން ގެންދެވި އެވެ. އެކަމާ ގުޅިގެން، ވެލެޒިނީ ވިދާޅުވަމުން ގެންދެވީ ހުވާ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ތިއްބެވުމަށް ފަހު އެހެން ބޭފުޅުން ވެލިޒިނީއާ އެކު ބޭރަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް އެއްވެސް ބޭފުޅަކު އެތަނުން ބޭރަށް ނުކުންނަވާފައެއްނުވެ އެވެ. އަދި ފަނޑިޔާރުން އައްޔަން ކުރައްވާފައި ވަނީ ރަނގަޅަށް ކަމަށާއި އެ ފަނޑިޔާރުންނަކީ، ވެލިޒިނީ ވެސް ވޯޓު ދެއްވައިގެން ފާސްކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރުން ކަމަށް ވެސް މުޖުތާޒް ވެލިޒިނީއަށް ދަންނަވަމުން ގެންދެވި އެވެ. އަދި ވެލިޒިނީ އެގޮތަށް އަޑުގަދަކުރައްވަން ފެއްޓެވުމުން، އެތަނުން ނުކުންނެވުމަށް، ފުލުހުންގެ ސެކިއުރިޓީއަކު ވެލިޒިނީއަށް ދެންނެވުމުން، ހޯމް މިނިސްޓަރ މުހައްމަދު ޝިހާބަށް ގުޅުއްވައި އެ ވާހަކަ ދެންނެވި އެވެ. އެއޭގެ ފަހުން ފުލުސް މީހާ ވަނީ މާލަމުން ނުކުމެފަ އެވެ.
ރޭ ހަތެއްޖަހާއިރު ބާއްވަން އޮތް ރަސްމިއްޔާތު މި މައްސަލައިގެ ސަބަބުން އަށެއްޖެހުމާ ހަމައަށް ދިގުދެމިގެން ދިއުމުން، ވެލިޒިނީ އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް ރަސްމިއްޔާތު ކުރިއަށް ގެންދަވަން ނިންމަވައި، ކޮމިޝަންގެ ޑިރެކްޓަރ އަބުދުﷲ އަލީ، ޕޯޑިއަމަށް ވަޑައިގެން ހުވާ ކުރައްވަން ފަނޑިޔާރުންނަށް ދަންނަވަން ފެއްޓެވުމުން ވެލިޒިނީ ޕޯޑިއަމް ކައިރިއަށް ވަޑައިގެން، އަބްދުﷲ ވާހަކަ ދެއްކިޔަނުދެއްވުމަށް މައިކުގައި ހިއްޕަވައި މައިކް ތިރިކުރެއްވި އެވެ. އެކަމާ ގުޅިގެން ގައިގައި އަތްލައްވައިގެންނުވާނެ ކަމަށް ބުނެ، އަބުދުﷲ އަލީ ވެލިޒިނީއަށް އިންޒާރު ދެއްވި އެވެ. އަދި ރަސްމިއްޔާތު ކުރިއަށް ގެންދަވަން ފެއްޓެވުމުން ވެލިޒިނީ ވަނީ މާލަމުން ނިކުންނަވައި އެތަނުން ބޭރަށް ވަޑައިގެންފަ އެވެ. އެއާއެކު ހުވާކުރުމުގެ ރަސްމީޔާތު ކުރިއަށް ގެންދެވީ މާލަން ތަޅުލައްވައިގެނެވެ.
ހައިކޯޓާއި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުން ވަކިވަކިން ހުވާ ކުރެއްވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، މި ހަމަނުޖެހުމާ ގުޅިގެން، ހުވާކުރުމުގެ ރަސްމިޔާތަށް ބަދަލު ގެނެސް ހުރިހާ ބޭފުޅުން ހުވާކުރައްވާފައި ވަނީ އެކުއެކީގަ އެވެ. އަދި އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
މި ރަސްމިއްޔާތުގައި، ދިވެހި ރާއްޖޭގެ އުއްތަމަފަނޑީޔާރު އަބުދުﷲ ސައީދު ބައެއް ފަނޑިޔާރުންނަށް ފަތްކޮޅު ދެއްވައި އެ ބޭފުޅުންނާ މުހާތަބު ކުރައްވައި ވާހަކަ ދެއްކެވި އެވެ. އަދި އެޖެންޑާގައި ވާގޮތުގެ މަތީން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ޑރ.އަފްރާޝީމް އަލީ، މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަން ފެއްޓެވި ހިސާބުން އެމްޑީޕީއަށް ނިސްބަތްވާ ފަންސާހަކަށް މީހުން ހައިކޯޓު ސަރަހައްދަށް އެއްވެ ނުރުހުން ފާޅުކުރަންފެށި، އަދި އޭގެ ތެރެއިން ބަޔަކު މައިދޮރާޝީން ވަދެގެން އައިސް ރަސްމިއްޔާތު ހިނގަމުންދިޔަ މާލަމުގެ ދޮރު ކުރިމަތީގައި ވެސް އަޑުގަދަކުރަމުން ގެންދިޔަ އަޑު މާލަމުގެ ތެރެއަށް އިވެމުންދިޔަ އެވެ. އެމީހުން ގޮވަމުން ދިޔައީ ފަނޑިޔާރުން ކުރި ހުވަޔަކީ ގަބޫލުކުރެވޭ ހުވައެއްނޫން ކަމަށެވެ. އަދި ފަނޑީޔާރުން ކުރާ ހުކުމަށް ތަބާނުވާނެ ކަމަށް ވެސް ގޮވަމުންދިޔަ އެވެ. އަދި ރައްޔިތުންގެ ފައިސާއިން އެމީހުންނަށް މުސާރަ ނުދިނުމަށް ވެސް އެމީހުން ގޮވަމުންދިޔަ އެވެ. އަދި ކޮމިޝަންގެ މެންބަރު ޑރ.އަފްރާޝީމް އެތަނުން ބޭރު ކުރުމަށާއި އޭނާ ހައްޔަރު ކުރުމަށް ވެސް އެމީހުން ގޮވި އެވެ.
ޖުޑިޝަރީއަށް ވަންނަންހުރި މައި ދޮރުކައިރީގައި ހުރި ފުލުހަކު ބުނީ، އެމީހުން އެތެރެއަށް ވަދެގަތީ މައިދޮރު މަންދުކޮށް ތަޅު އަޅުވާފައި ހުއްޓައި، އެއްވި މީހުން ދޮރުގައި ހިފައި ކޮއްޕައި ތެޅުވުމުގެ ސަބަބުން ތަޅު ހަލާކުވެ ދޮރު ހުޅުވުމުން ކަމަށެވެ. އަދި އެމީހުންނަށް އެ ފުރުސަތު ލިބުނީ ފުލުހުން އައުން ލަސްވުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ ފަހުން ސަލާމަތީ ފުލުހުން އެ ސަރަހައްދަށް އައިސް އެތެރެއަށް ވަތް މީހުން ބޭރަށްލުމަށް ފަހު އެ ސަރަހައްދަށް އެއްވި މީހުން ވެސް ވަނީ އެ ސަރަހައްދުން ފޮނުވާލި އެވެ.