އިސްލާމްއާބާދު (އޭޕްރީލް 28): އަލްޤާޢިދާގެ ލީޑަރު އުސާމާބިންލާދިންގެ އާއިލާ ސަޢޫދީ އަރަބިޔާ އަށް އަނބުރާ ފޮނުވާލައިފި ކަމަށް ޕާކިސްތާން ބުނެފި އެވެ.

ޕާކިސްތާނުގެ ދާޚިލީ ވުޒާރާ އިން އިން އިއްޔެ ނެރުނު ބަޔާނެއް ބުނި ގޮތުގައި ބިންލާދިންގެ ޢާއިލާ އެޤައުމުން ފޮނުވާލީ ކޯޓު އަމުރެއްގެ ދަށުންނެވެ. ބިންލާދިންގެ ޢާއިލާގައި ހިމެނެނީ އޭނާގެ ހުވަފަތް ތިން އަނބިންނާއި 10 ދަރިންނެވެ. މީގެތެރެއިން ދެ އަނބިންނަކީ ސަޢޫދީ އަންހެނުންނެވެ. ތިން ވަނަ އަނބިމީހާއަކީ ޔަމަން އަންހެނެކެވެ.
ޕާކިސްތާނުގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި ބިންލާދިންގެ ޢާއިލާ ސަޢޫދީ އަރަބިޔާ އަށް ފޮނުވާލެވުނީ އެޢާއިލާގެ މެންބަރުން އެދުމުގެ މަތިންނެވެ. ޤައުމުން ފުރުވާލެވެންދެން ބިންލާދިންގެ ޢާއިލާ ބައިތިއްބީ ޕާކިސްތާން ސަރުކާރުގެ މެހްމާންދާރީގައި ދައުލަތުގެ ގެސްޓް ހައުސްއެއްގައި ކަމަށާއި އެ ޢާއިލާ، އިސްލާމް އާބާދު އެއަޕޯޓުން ސަޢޫދީ އަރަބިޔާ އަށް ފުރީ ޕްރައިވެޓް ޖެޓެއްގައި ކަމަށް ވެސް ޕާކިސްތާނުން ބުނެ އެވެ.

އުސާމާ ބިންލާދިންގެ ޢާއިލާއަކީ ސައޫދީ އަރަބިޔާގެ އެންމެ މުއްސަނދި ޢާއިލާތަކުގެ ތެރޭގައި ހިމެނޭ ބޮޑު އަދި މެންބަރުން ގިނަ ޢާއިލާއެކެވެ. ބިންލާދިންގެ ޢާއިލާގެ ޤާނޫނީ ވަކީލެއް ކަމަށްވާ ޢާމިރު ޚަލީލްވަނީ އެޢާއިލާގެ މެންބަރުން އިއްޔެ ހަވީރުގެ ވަގުތެއްގައި ސަޢޫދީ އަރަބިޔާ އަށް ދިޔަކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޔަމަންގެ ޖަމްޢިއްޔާއެއް ކަމަށްވާ ހޫދު ޖަމްއިއްޔާ އިން ވެސް ވަނީ ބިންލާދިންގެ ޢާއިލާ ޕާކިސްތާނުން ފުރައިގެން ސަޢޫދީ އަރަބިޔާ އަށް ދިޔަކަން ކަށަވަރުކޮށްދީފަ އެވެ. ބިންލާދިންގެ ޔަމަންގެ އަނބިކަނބަލުން އަމަލް އާއި އޭނާގެ ފަސް ދަރިން ސަޢޫދީ މަގުން ޔަމަނަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކަމަށް މަގުފަހިކޮށްދޭނެ ކަމަށް ހޫދު ޖަމްއިއްޔާ އިން ބުނެ އެވެ.

އެމެރިކާ ވަނީ ސެޕްޓެމްބަރު 11 ގާ އެމެރިކާ އަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައި ބިންލާދިން ހުންނެވި ކަމަށް ބުނެ ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި އަފްޣާނިސްތާނަށް އަރައިގަނެ އެޤައުމުގެ އެތަށް ލައްކަ ބަޔަކުމަރައި މުޅިޤައުމު ސުންނާފަތިކޮށް އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާފަ އެވެ. މީގެއިތުރުން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ޕާކިސްތާނަށް ވެސް ޙަމަލާދީ މީހުންމަރައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާތަކެއް އެމެރިކާ ހިންގަމުން ގެންދާތާވަނީ އެތައް އަހަރެއް ވެފަ އެވެ.

ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށް 11 އަހަރު ވެފައިވާ އިރު އެ ޙަމަލާތަކުގެ ފަހަތުގައި ބިންލާދިން ހުންނެވިކަން އެމެރިކާ އަށް ސާބިތުކޮށްދެވިފައެއްނުވެ އެވެ. (އަލްޢާލަމް)