ބޮލީވުޑްގެ ފިލްމުތަކުން ފެނިފައިވާ ޓެލެވިޒަން އެކްޓަރު ނިތޭޝް ޕާންޑޭ މަރުވެއްޖެއެވެ.

ޢުމުރުން 51 އަހަރުގައި ނިތޭޝް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނިތޭޝް މަރުވެފައިވަނީ އިންޑިއާގެ އިގަތްޕުރީ ޓައުންގައި ޝޫޓިންގްއަކަށް ގޮސް އުޅެނިކޮށެވެ.

އިންޑިއާގެ ނޫސްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ ހާޓް އެޓޭކް ޖެހުމުން ނިތޭޝް ފަރުވާއަށް ނުގެންދެވިގެން އުޅެނިކޮށް މަރުވެފައިވާކަމަށެވެ. ނިތޭޝްގެ މަރާއެކު އާއިލާގެ އިތުރުން އެކްޓަރުގެ ރަހްމަތްތެރިންނަށްވެސް ޝޮކެއް ލިބިފައިވާއިރު މިހާތަނަށް ނިތޭޝް ހިތުގެ ބައްޔެއް ޖެހިގެން ފަރުވާއެއް ހޯދާފައިނުވާކަމަށް އާއިލާއިންވަނީ ބުނެފައެވެ.

ސްޓާ ޕްލަސްގެ ކާމިޔާބު ޓީވީ ސިލްސިލާ "އަނޫޕަމާ"އިން ދާދިފަހުން ނިތޭޝްވަނީ ފެނިފައެވެ. ގިނަ ޓީވީ ސީރީސްތަކުގައި އެކްޓްކުރަމުން ނިތޭޝްވަނީ ބައެއް ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ފިލްމު "އޯމް ޝާންތީ އޯމް"، "ދަބަންގް"، "ބަދާއި ދޯ" އަދި "ކޯސްލާކާ ގޯސްލާ" ހިމެނެއެވެ.

ޓެލެވިޒަން ބަތަލާ އަރްޕިތާ ޕާންޑޭއާ ކައިވެނިކޮށްގެން ފިރިހެން ކުއްޖަކު ނިތޭޝްގެ އެބަހުއްޓެވެ. އަރްޕިތާގެ ބޭބެ އަދި ފިލްމު ޕްރޮޑިއުސަރު ސިދާތް ނަގަރް ބުނެފައިވަނީ، ނިތޭޝްއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެއްކަމަށެވެ. އަދި އަބަދުވެސް ހިނިތުންވުމާއެކު އާއްމުންނާ ބައްދަލުކުރާ ފަރާތެއްކަމަށް ސިދާތްވަނީ ބުނެފައެވެ.

ނިތޭޝްގެ ކުއްލި ވަކިވުމާއެކު ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކުވަނީ އެކަމާ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވާފައެވެ. ނިތޭޝްގެ ޖަނާޒާގެ ކަންތައް ބާއްވާނެ އިރެއް އާއިލާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓީވީ ސީރީސް "އަނޫޕަމާ"އަށް ނިތޭޝްގެ ރޯލެއް އިތުރުވުމާއެކު ގިނަ ބަޔަކުވަނީ ސީރީސް އިތުރަށް ފޯރިގަދަވާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މި ސީރީސްގެ ސަޕޯޓަރުންނަށް މިހާރުވަނީ މާޔޫސްކަން ލިބިފައެވެ.