25 May 2023, 09:57
އެކްޓަރު އާމިރު ޚާންއާއި ޒުވާން ބަތަލާ ފާތިމާ ސަނާއާ ދެމެދު ޚާއްސަ ގުޅުމެއް އޮންނަކަމުގެ ޚަބަރުތަކަކީ ދޭތެރެދޭތެރެއިން މީޑިއާއިން ފެންނަ ޚަބަރެކެވެ. ފިލްމު "ޑަންގަލް"އިން ހިންދީ ސިނަމާއަށް ތައާރަފުވި ބަތަލާއާއެކު ފިލްމުގެ ލީޑް ރޯލްއިން ފެނިފައިވަނީ އާމިރު ޚާންއެވެ.
މިފިލްމަށްފަހު ބަތަލާ ފާތިމާ ސަނާގެ އެކްޓިންގެ ހުނަރު އާމިރު ޚާންއަށް ވަރަށް ކަމުދިޔަކަމަށް މީގެކުރިން އެކްޓަރުވަނީ ބުނެފައެވެ. ފިލްމު "ޑަންގަލް"އަށްފަހު ދެ ތަރިން އެކީގައިވަނީ "ތަގްސް އޮފް ހިންދުސްތާން"ވެސް ކުޅެފައެވެ. ދެތަރިން އެކީގައި މަސައްކަތްކުރުމަށްފަހު ފާތިމާ ސަނާ ވެފައި ވަނީ އާމިރު ޚާންގެ އާއިލާއާ ވެސް ވަރަށް ގާތްގުޅުމެއް އޮންނަ ބަތަލާއަކަށެވެ.
އާމިރު ޚާންއާއި ފާތިމާ ސަނާގެ ޚާއްސަ ގުޅުމެއް އޮންނަކަމަށް އަޑު ފެތުރިފައިވަނިކޮށް ދެ ތަރިން އެކީގައި ޕިކްލް ބޯލް ކުޅޭ ވީޑީއޯއެއްވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
View this post on Instagram
ދެ ތަރިން އެކީގައި މި ކުޅިވަރު ފޯރީގައި ކުޅޭ މަންޒަރުގެ ވީޑީއޯއާއެކު ގިނަ ބަޔަކުވަނީ މި ވީޑިއޯ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައެވެ. އިންޑިއާގެ މުމްބާއީގައި އާމިރާއި ފާތިމަ ޕިކްލް ބޯޅަ ކުޅޭ މަންޒަރުގެ މިވީޑީއޯ އާއްމުވެފައިވާއިރު މިމަހުގެ ކުރީކޮޅު ދަރިފުޅު އިރާ ޚާންއާއެކު ހަމަ މިކުޅިވަރު ކުޅޭ މަންޒަރު ބަޔަކު މީހުންވަނީ ވީޑިއޯކޮށްފައިވެއެވެ.
އާމިރު ޚާންވަނީ އެންމެ ފަހުން ކުޅުނު ފިލްމު "ލާލް ސިންގް ޗައްދާ" ރިލީޒްކުރި ފަހުން ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަކަށް ދުރުހެލިވެފައެވެ. ޙަޔާތުގައި ކުރި ދެ ކައިވެނިވެސް ރޫޅިފައިވާ އެކްޓަރު ދާދިފަހުންވަނީ ނޭޕާލްގައިވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ.
އާމިރުގެ ދެވަނަ ކައިވެނި ރޫޅުމާއެކުވެސް ގިނަ ބަޔަކު ނިންމައިގެންތިބީ އޭގެ ފަހަތުގައިވަނީ ފާތިމާ ސަނާއާއި އާމިރު ޚާންއާ ދެމެދު އޮތް ޚާއްސަ ގުޅުންކަމަށެވެ. އެހެންނަމަވެސް ދެ ތަރިންވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.