25 May 2023, 09:22
ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމު "ބްލަޑީ ޑެޑީ"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް ޝާހިދު ކަޕޫރު ލީޑް ރޯލްއިން ފެންނަ ފިލްމު "ބްލަޑީ ޑެޑީ"އަކީ މިއަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ. މީގެ ކުރިން ޝާހިދު ކަޕޫރު ފެނިފައިނުވާފަދަ ރޯލަކުން ފެންނަ މިތްރިލާ ފިލްމު ޕްރިމިއާކުރުމަށް ނިންމާފައިވަނީ ޖިއޯ ސިނަމާގައެވެ.
މިއަހަރުގެ ޖޫން މަހުގެ ނުވައެއްގައި މި ފިލްމު އޯޓީޓީ ޕްލެޓްފޯމްގައި ޕްރިމިއާކުރުމަށް ނިންމުމާ ގުޅިގެން ގިނަ ބަޔަކު މީގެ ކުރިންވަނީ ފިލްމު ތިއޭޓަ ރިލީޒްއަކަށް ނުދިޔައީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރި އިވެންޓުގައި ވާހަކަ ދައްކަމުން ޝާހިދު ކަޕޫރު ބުނެފައިވަނީ، ފިލްމުގެ ކްރޫ އަދި ޓީމުންވެސް އާއްމުން އެފަދަ ގޮތަކަށް ވިސްނީތީ ވަރަށް އުފާކުރިކަމަށެވެ. އެހެންނަމަވެސް "ބްލަޑީ ޑެޑީ"އަކީ ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރުމަށް ޚާއްޞަ ފިލްމެއް ކަމަށާއި މިފިލްމު އުފައްދާފައިވަނީވެސް އެފޯމެޓަށްކަމަށް އޭނާ ވަނީ ބުނެފައެވެ.
ޖިއޯ ސިނަމާއަކީ މިފިލްމު ޕްރިމިއާކުރުމަށް އެންމެ އެކަށީގެންވާ ޕްލެޓްފޯމްކަމަށް ބުނަމުން ޝާހިދު ބުނެފައިވަނީ ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުސަތުވެސް މި ނިންމުމާއެކު ލިބޭނެކަމަށެވެ.
ޝާހިދު ކަޕޫރުގެ ވަރުގަދަ ތަޅާފޮޅުންތަކެއް ދައްކުވައިދޭ މިފިލްމުން އެކްޓަރު ސަންޖޭ ކަޕޫރު، ރޮނިތު ރޯއި، ރަޖީވް ކަންޑޭލްވަލް އަދި ބަތަލާ ޑަޔާނާ ޕެންޓީ މުހިއްމު ރޯލްއިން ފެންނާނެއެވެ. އަލީ އައްބާސްއަކީ މިފަދަ ތްރިލާ ފިލްމުތައް ގެނެސްދިނުމުގެ މާސްޓަ މައިންޑްކަމަށް ބުނަމުން ޝާހިދު ބުނެފައިވަނީ، މިފަދަ ފިލްމަކަށް ޝާހިދު އިންތިޒާކުރުކުރާތާ ވަރަށްގިނަ ދުވަސްވެއްޖެކަމަށެވެ.
ޝާހިދު ކަޕޫރު އެންމެ ފަހުން ފެނިފައިވަނީ އެމޭޒަން ޕްރައިމްއިން މިއަހަރު ރިލީޒްކުރި ވެބް ސީރީސް "ފަރްޒީ"އިންނެވެ. ފިލްމު "ބްލަޑީ ޑެޑީ"ގެ އިތުރުން ޝާހިދު ކަޕޫރު އަންނަނީ ވަކި ނަމެއް ހަމަޖެހިފައިނުވާ ރޮމޭންޓިކް ކޮމެޑީއެއްގައިވެސް މަސައްކަތްކުރަމުންނެވެ.