28 Apr 2012, 09:27
ގައުމީ ހެލްތު އިންޝުއަރެންސް، އާސަންދައިން މި އަހަރުގެ ފުރަތަމަ ތިން މަހު 257،114 މީހުން ހިދުމަތް ހޯދައި، 225،034،757ރ. ހަރަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އާސަންދައިގެ ބަލަދުވެރިޔާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދި ތިން މަހު ވެސް އާސަންދައިން ހިދުމަތް ހޯދި މީހުންގެ އަދަދު އެއް މަހުން އަނެއް މަހަށް އިތުރުވާ ކަމަށް ދައްކަ އެވެ. އަދި އާސަންދައިން ހަރަދުވާ ފައިސާގެ މިންވަރު ވެސް ވަނީ އެ ނިސްބަތުން އިތުރުވެފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު 79،916 މީހުން އާސަންދައިން ހިދުމަތް ހޯދައި 62،394،471ރ. ހަރަދުވެފައިވާ އިރު، ފެބްރުއަރީ މަހު 84،568 މީހުން އާސަންދައިން ބޭސްފަރުވާކުރުމުން، 76،447،561ރ. ހަރަދުވެފައިވެ އެވެ. އަދި މިދިޔަ މާޗް މަހު 92،630 މީހުން ބޭސްފަރުވާކޮށް، 86،189،725ރ. އާސަންދައިން ހަރަދުވެފައިވާ ކަމަށް ދައްކަ އެވެ.
ފާއިތުވެ ދިޔަ ތިން މަހުގެ ހިސާބުތަކަށް ބަލައިގެން މާލިއްޔަތު ކޮމެޓީން އަންދާޒާ ކުރާ ގޮތުންގައި އާސަންދަ އަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ މި އަހަރުގެ އޮކްޓޫބަރު މަހަށް ހުސްވާނެ އެވެ. އެއީ މިއަހަރުގެ ބަޖެޓްގައި އާސަންދައަށް ހަރަދު ކުރުމަށް ހިމަނާފައިވާ 720،336،200ރ. އެވެ.
އާސަންދަ ނިޒާމުން މިހާރު ހިނގަމުން އަންނަ ގޮތަށް ކުރިއަށް ގެންދަންޖެހޭ ނަމަ މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އާސަންދަ އަށް ހަރަދު ކުރުމަށް އިތުރު 179،790،828ރ. ބޭނުންވާނެ ކަމަށް ވެސް މާލިއްޔަތު ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު އާސަންދަ އިން އެންމެ ބޮޑު ހަރަދެއް ކުރި ހޮސްޕިޓަލްގެ ގޮތުގައި އޭޑީކޭ ހިމެނި، އެ ހޮސްޕިޓަލަށް އެކަނި 46698153ރ. ހަރަދު ކުރެވިފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް 34،185،752ރ. ހަރަދުވެފައިވެ އެވެ. ތިން ވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގީ ސެންޓްރަލް ކްލިނިކަށެވެ. އެ ކްލިނިކަށް 11،372،908ރ. ހަރަދުވެފައިވާ ކަމަށް ދައްކަ އެވެ.
އަތޮޅުތަކުގެ އެކި ހޮސްޕިޓަލަށްތަކަށް މިއަހަރުގެ ފުރަތަ ތިން މަހު ހަރަދުވެފައި ވަނީ ޖުމްލަ 43،280،904ރ. އެވެ.
މާލިއްޔަތު ކޮމެޓީން އާސަންދަ ނިޒާމް ހިނގަމުންދާ ގޮތް ބަލަން ފެށީ ދައުލަތުގެ ބަޖެޓްގައި އާސަންދައަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ، އަދި ހަރަދު ކުރަމުންދަނީ ހުއްދަކޮށްފައިވާ މިންވަރަށް ވުރެ، އިތުރަށް ކަމަށްވާތީ އެވެ.