24 May 2023, 18:51
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަ ވުމުގެ ކުރިން ޕާޓީގެ ހުރިހާ މަސައްކަތެއް ނިމި އިންތިޚާބުގައި ވާދަ ކުރަން ތައްޔާރު ވާނެ ކަމަށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ 'ދަ ޑިމޮކްރެޓްސް' ގެ ތަރުޖަމާނު އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ޕާޓީ ތެރޭ ވަކި ގޮތްޕެއް ހަދައިގެން މަސައްކަތް ކޮށްފައެވެ. ފަހުން އެ ފަރާތްތަކުން ވަނީ ޕާޓީއާ ވަކިވެ، އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުގެ މަތީން ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެ ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު ދީފައެވެ.
އެކަމާ ގުޅިގެން "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ، ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކޮށް ވަރަށް އަވަހަށް އީސީއަށް ހުށަހަޅާނެ ކަމަށެވެ. އަދި ކަނޑއަޅާފައިވާ މުއްދަތުގެ ކުރިން ޕާޓީގެ ލީޑަޝިޕް އެކުލަވާލައި ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ވެސް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކަނޑައަޅާފައިވާ ޓައިމްލައިނަށް ބަލާއިރު އަޅުގަނޑުމެންނަށް އެ ޓައިމް އެބަ އޮތް. ނަމަވެސް އީސީގެ ޓައިމްލައިން ފޮލޯ ކުރުމަކަށް އެއްވެސް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން." އަފްޝަން ވިދާޅުވިއެވެ.
އައު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުން / ސަން ފޮޓޯ: މުހައްމަދު ޝާތިއު
އިލެކްޝަންސް ކޮމިޝަންގެ ޓައިމްލައިނަށް ބަލާއިރު، އަލަށް ސިޔާސީ ޕާޓީއެއް އެކުލަވާލައި، މެމްބަރުން ހަމަކޮށް އިންތިޚާބުގައި ވާދަކުރުމަށް 'ދް ޑިމޮކްރެޓްސް' އަށް އޮތީ މަދު ދުވަސްކޮޅެކެވެ.
އީސީން އާންމުކޮށްފައިވާ ތާރީޚުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން ނަން ހުށެހެޅުމަށް ކަނޑައަޅާފައިވަނީ ޖުލައި 23 ފެށިގެން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.
އެކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ ޕާޓީގައި ކެމްޕެއިނަށް ފަރިތަ ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، ކެމްޕެއިނަށް ބޭނުންވާ އެންމެހާ ކަންކަން ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި މެމްބަރުންގެ ޚިޔާލާ އެކު ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމާއި މެނިފެސްޓޯ ތަރުތީބު ކުރުމުގެ ކަންކަން ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.