24 May 2023, 21:27
މޯލްޑިވްސް މިއުޒިކް ފެސްޓުގެ ނަމުގައި ބާއްވާ މިއުޒިކް ފެސްޓިވަލްގެ ޕާޓްނަރުންނާ އެކު މިއަދު ސޮއިކޮށްފިއެވެ.
މޯލްޑިވްސް މިއުޒިކް ފެސްޓަކީ ރާއްޖޭގައި މާކެޓިން އަދި ޕީއާރްގެ މަސައްކަތް ކުރާ ބްލިންކްސް މީޑިޔާއިން ރާވާ ހިންގާ މިއުޒިކީ ޢީދެކެވެ. މި ފެސްޓިވަލުގައި ދިވެހި އެކި ފަންނާނުންނަށް އެ ފަންނާނުންގެ ހުނަރު ދައްކާލުމަށް ބޭއްވޭ އިވެންޓެކެވެ.
މި އިވެންޓާ ގުޅޭ މައުލޫމާތު ދެއްވަމުން ބްލިންކްސް މީޑިޔާގެ މާކެޓިން އަދި ޕީއާރް މެނޭޖަރު ސަވާނާ ޑި ވިލިއާސް ވިދާޅުވީ މި އިވެންޓު ބޭއްވުމުގެ މަގްސަދަކީ ދިވެހި ފަންނާނުންނަށް، އެ މީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
"ރާއްޖޭގައި ނުހުރޭ މާގިނަ ޕްލެޓްފޯމްތަކެއް އެ އާޓިސްޓުންގެ ހުނަރު ދައްކަން. މި އިވެންޓުގެ މަގްސަދަކީ އެ އާޓިސްޓުންގެ އިތުރުން، އަރަމުން އަންނަ އާޓިސްޓުންނަށް ވެސް، އެމީހުން ހުނަރު ދައްކާނެ ޕްލެޓްފޯމެއް ބިނާކޮށްދިނުން،" ސަވާނާ ވިދާޅުވިއެވެ.
ސަވާނާ އިތުރަށް ވިދާޅުވީ މި ދާއިރާއަށް އަލަށް ނުކުންނަ އާޓިސްޓުންނަށް މޯލްޑިވްސް މިޔުޒިކް ފެސްޓްގައި ބައިވެރިވުމުގެ ފުރުސަތު އަދި ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން މި އިވެންޓުގައި ހުނަރު ދައްކާލަން ބޭނުންވާ ފަރާތްތަކުން ބްލިންކްސް މީޑިޔާގެ އިންސްޓަގްރާމް ޕޭޖަށް މެސެޖު ކުރުމަށް ސަވާނާ އެދިވަޑައިގަތެވެ.
މޯލްޑިވްސް މިއުޒިކް ފެސްޓުގެ މީޑީޔާ ޕާޓްނަރުންގެ ގޮތުގައި ސޮއި ފަރާތްތަކާ އެކު ކުރުމުގެ ޙަފުލާގައި، ބްލިންކްސް މީޑިޔާގެ ސަވާނާ ޑި ވިލިއާސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މި އިވެންޓުގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ހުށަހަޅާއިރު އޭގެ ތެރޭގައި މަޝްހޫރު ގިޓަރިސްޓް ފަސީ އަދި ލަވަކިޔުންތެރިޔާ ޒަކިއްޓެ ފަދަ ހުނަރުވެރިން ފަންނާނުން ހިމެނެއެވެ.
މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ ޖޫން މަހުގެ 15 އަދި 16 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައެވެ.
ދެ ދަންފަޅިއަކަށް ބެހިގެން ބޭއްވޭ މި އިވެންޓުގެ ފުރަތަމަ ދަންފަޅި ކޮންމެ ދުވަހެއްގެ ވެސް ހަވީރު ހަތަރަކުން ހަޔަކަށް ކުރިއަށްދާއިރު، ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ ރޭގަނޑު އަށަކުން ދިހައަކަށެވެ.
މޯލްޑިވްސް މިއުޒިކް ފެސްޓުގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ކޮކާކޯލާ އާ އެކު ސޮއި ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މޯލްޑިވްސް މިއުޒިކް ފެސްޓަކީ ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ) އާ ގުޅިގެން ބޭއްވޭ އިވެންޓެކެވެ. އެގޮތުން މި އިވެންޓުގެ ގޯލްޑް ޕާޓްނަރުންނަކީ ލޮޓަސް ބައިކް ޝޮޕް އަދި ކޮކަ ކޯލާއެވެ. އަދި ސިލްވާ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް، ޑަޔާނާ ޓްރޭޑިން އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަންއެވެ.
މޯލްޑިވްސް މިއުޒިކް ފެސްޓުގެ ޕާޓްނަރުންނާ އެކު ސޮއި ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މި އިވެންޓުގެ ހޮޓަލް ޕާޓްނަރަކީ ހޮޓެލް ޖެންއަށް ވާއިރު، މީޑިޔާ ޕާޓްނަރަކީ އެސްއެސްނެޓްއެވެ. ލެޑް ވިޝުއަލް ޕާޓްނަރަކީ ޓެކް ވޭވްއަށް ވާއިރު، ސައުންޑް އެންޑް ލައިޓް ޕާޓްނަރަކީ އޯލް އެޑިޝަން މޯލްޑިވްސްއެވެ.
މި އިވެންޓުގެ ބެވަރޭޖް ޕާޓްނަރަކީ ޗާޖްޑް އަދި ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބްއެވެ. އަދި މި އިވެންޓުގެ ސަޕޯޓިން ޕާޓްނަރުންނަކީ ފަންނުގެ ދަރިން އަދި މިޔުޒިޝަންސް ޔޫނިއަން އޮފް ދަ މޯލްޑިވްސްއެވެ.