ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެ ޕާޓީގެ ނަމާއި ކުލަ ނަކަލު ނުކުރުމަށް އަލަށް އުފައްދާ ޕާޓީތަކަށް އެ ޕާޓީން ގޮވާލައިފިއެވެ.

އެމްޓީޑީގެ ނަމާއި ކުލަ ނަކަލު ކުރާ މައްސަލައިގައި އެ ޕާޓީން ކަންބޮޑުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ނަމުގައި ޑިމޮކްރެޓްސް ހިމެނިފައި، އެ ޕާޓީގެ ކުލައަކަށް ނޫކުލަ ހަމަޖައްސައިދޭން އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދުނު މައްސަލައިގައެވެ.

މިކަމާ ގުޅުވާ އެމްޓީޑީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސް އަހުމަދު އަދީބު "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ގެ ނަމާއި ފިކުރާއި ކުލަތައް ލިޔުއްވައި ހޮއްވަވާފައި ވަނީ ދޫނިދޫގައި އެކަހެރި ގޮޅިއެއްގައި ހުންނެވި ދަނޑިވަޅެއްގައި ކަމަށެވެ.

އެގޮތުން އެމްޓީޑީގެ ނަމަކީ، ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އަދީބު އިޚްތިޔާރު ކުރެއްވި ނަމެއް ކަމަށް އެ ޕާޓީ އިން ބުނެއެވެ. އަދި ޕާޓީގެ ކުލަ ކަމަށްވާ "ސްކައި ބްލޫ" އިޚްތިޔާރުކުރީ، ތިން އަހަރު ވަންދެން އަދީބުގެ ގޮޅިން އޭނާއަށް ފެނުނު ހަމައެކަނި އުއްމީދަކީ އެއީ ކަމަށްވާތީ ކަމަށް އެމްޓީޑީގެ ޓްވީޓުގައިވެއެވެ.

އަލަށް އުފައްދާ ޕާޓީތަކުން އެމްޓީޑީ ނަކަލު ކުރަން އުޅުމަކީ އެ ޕާޓީއަށް ލިބޭ އުފަލެއް ނަމަވެސް، އައު ސިޔާސީ ޕާޓީއެއް އުފައްދާއިރު ކޮންމެ ޕާޓީއަކުން ވެސް އަމިއްލަ ނަންތަކާއި ކުލަތައް ގެނެސްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

އެމްޓީޑީގެ ނޫ ކުލަ "ދަ ޑިމޮކްރެޓްސް"ގެ ކުލައެއްގެ ގޮތުގައި ހަމަޖައްސައިދޭން އެދެމުން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިލެކްޝަންސް ކޮމިޝަނުގައި އެދުނީ އެ ޕާޓީގެ ކުލައިގެ ގޮތުގައި ނޫ ކުލަ ހަމަޖައްސައިދޭން ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި މި ކުލަ އެ ޕާޓީއަށް ހައްގުވަނީ ކުރިޔަށް އޮތް ތަނުގައި އެ ޕާޓީ، ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ވެގެން ދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.