27 Apr 2012, 19:59
ވެލެންސިއާ 3-0 އިން ބަލިކޮށް މާޒިޔާއިން ދިރާގު ދިވެހި ލީގުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން ބަލިވި މާޒިޔާއިން ވެލެންސިއާ ކޮޅަށް ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ހުސްވި ދެ އަހަރު ވެލެންސިއާ އަށް ކުޅުނު ފޯވަޑް އަސަދުﷲ އަބުދުﷲ އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި ތިން ވަނަ ގޯލެވެ. މާޒިޔާގެ އަނެއް ގޯލު ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އޭނާގެ ގޯލަކީ ވެލެންސިއާގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފަށް ހިފާފައި އޮއްވައި އަތުން ދޫވި ބޯޅައަކުން ޖެހި ގޯލެކެވެ.
މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވެގެން ޕްރެކްޓިސް ފެށީ ވަރަށް ފަހުން ކަމަށާއި ޓީމުގައި ރަނގަޅު ކުރަންވީ ކަންތައްތައް އެނގޭނީ މެޗުތައް ކުޅުނު ވަރަކުން ކަމަށެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އޭވައިއެލް ބަލިކުރި ޓީމުގެ ކޯޗު، އިގްބާލް ބުނީ ބައެއް ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވެނީ ޕްރެކްޓިސް މަދުވުމުން ކަމަށެވެ.
މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ބުނީ އޭނާގެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމުން އެންމެ ފުރިހަމަ ޓީމު އަދި ނުނެރެވޭ ކަމަށެވެ. އަދި ފުރަތަމަ މެޗުން ބަލިވުމުން ވެލެންސިއާއާ ދެކޮޅަށް ނުކުތީ ޕްރެޝަރުގައި ކަމަށާއި ނަމަވެސް މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
އަށް ޓީމު ވާދަ ކުރާ ލީގުގައި މާދަމާ ކުޅޭނީ ނިއު އާއި އޭވައިއެލް އެވެ.