24 May 2023, 12:13
މި މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ނަރުހުންގެ މުސާރައިގެ އާ އޮނިގަނޑާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޕެޓިޝަނެއްގެ ގޮތުގައި ތައްޔާރުކޮށް ހުށަހެޅުމުގެ މަސައްކަތް ނަރުހުން ފަށައިފިއެވެ.
ނަރުހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރާ ކަމަކީ އިތުރު ގަޑީގެ ފައިސާ ނުވަތަ އޯޓީ ލިމިޓްކޮށްފައި އޮންނަ އޮތުމެވެ.
އެގޮތުން "ސަން"އާ ވާހަކަދެއްކި ނަރުހުން ބުނި ގޮތުގައި މިހާރު އޯޓީ އޮންނަނީ 10 ޕަސެންޓަށް ލިމިޓުކޮށްފައެވެ. އެއީ މީގެ ކުރިން އިތުރު ގަޑީގައި މަސައްކަތްކޮށް އެ ކަން ނޯޓުކުރުމުން އެއްވެސް ލިމިޓެއް ނެތި ލިބޭ އެއްޗެކެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އޯޓީ މިހާ ބޮޑަށް ކުޑަކޮށްލުން. އިތުރު ގަޑީގެ ފައިސާގެ އެންމެ 10 ޕަސެންޓު ދިނީމަ ދެން ބާކީ ކުރާ މަސައްކަތުގެ ފައިސާ ކޮބައިތޯ. ހަމަ ގައިމު ވެސް އެންމެ ބާރު ބޮޑު ބިޒީ އެއް ތަނަކަށް ވާނީ މި ތަނުގެ މަސައްކަތް. މި ތަނުގެ ވޯކްލޯޑް،" ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ނަރުހަކު ކިޔައިދިނެވެ.
މީގެ އިތުރުން ނަރުހުން ބުނި ގޮތުގައި ކުރިން ހުކުރު އަދި ހޮނިހިރު ދުވަހު ވެސް އިތުރު ގަޑީގެ އިނާޔަތް ލިބެއެވެ. ނަމަވެސް ދެން ލިބޭނީ ހަމައެކަނި ހުކުރު ދުވަހެވެ.
ނަރުހުން ބުނީ، އާންމު ގޮތެއްގައި މަސައްކަތު ވަގުތު ނިމުމުން ވެސް އިތުރު ވަގުތު މަސައްކަތް ކުރަންޖެހެނީ ކުރަން ޖެހޭ މަސައްކަތްތައް ގިނަވެ، އެ ކަންކަން އެއީ ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކަމުގައި ވުމުން ކަމަށެވެ.
މި ކަންބޮޑުވުންތަކުގެ އިތުރުން ޑޮކްޓަރުންގެ ޝަކުވާތައް ވެސް ގިނައެވެ. އެގޮތުން އެ ޑޮކްޓަރުންނަށް ލިބެންޖެހޭ ޕްރޮމޯޝަންތައް ނުދީ، މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް އެ ޑޮކްޓަރުން ބުނެއެވެ.
ނަރުހުންނާއި ޑޮކްޓަރުންގެ ޑިމާންޑަކީ އޯޓީ ލިމިޓު 10 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ކުރާ މަސައްކަތަށް ފައިސާ ލިބެން. އެހެން ނޫންނަމަ އެއްވެސް މީހަކު ބޭނުމެއް ނުވާނެ ނޫންތޯ އެ މީހެއްގެ އަމިއްލަ ވަގުތުތައް އެގޮތަށް ދޫކޮށްލަން. މިއީ އަޅުގަނޑުމެން ކުރާ ހިތުން ކުރާ ކަމެއް. އެކަމު އަގުވަޒަންކުރާނަމަ މި ކަމަށް އޮންނަ ޝައުގާއި ލޯބި އިތުރުވެ އާ މީހުން ވެސް އަންނާނެ،" ނަރުހަކު ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅެނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ ނަރުހުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ނަރުހުންގެ މުސާރަ ބޮޑުކުރުން ހިމެނެއެވެ. މި މަހު އެއްވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑުކުރިއިރު އޮނިގަނޑުގެ ތަފްސީލް ވެސް ވަނީ އާންމުކޮށްފައެވެ.
އެ ކަން އިއުލާނުކުރައްވައި، ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ ކަމަށެވެ.
އެކަމު، މިހާރު މި ގެނެވޭ ބަދަލާ އެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.