އަވަސް އިންތިހާބަށް ގޮވާލައި އެމްޑީޕީ އިން މިއަދު ހަވީރު ވެސް މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވައިފި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރިވެގެން ބޭއްވި ހިނގާލުމުގައި ކޮމަންވެލްތުން ނެރިފައިވާ ބަޔާނުގައިވާ ގޮތަށް ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް "ބާކީ ދެން އޮތީ ތިން ހަފްތާ" ކަމަށާއި އޭގެ ކުރިން އިންކުއަރީ ކޮމިޝަނަކީ މިނިވަން ތަނަށް ހެދުމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާފައިވެ އެވެ.

އުސްފަސްގަނޑުން ފެށި ހިނގާލުން މަޖީދީމަގާއި ފަރީދީމަގުން ކުރިއަށް ގެންގޮސް ނިންމާލާފައި ވަނީ އުސްފަސްގަނޑެށެވެ.

މާލެގައި އެމްޑީޕީ އިން ހިނގާލުމެއް ބޭއްވި އިރު، މިއަދު ހަވީރު ގދ. ތިނަދޫގައި ވެސް ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ. އެ ހިނގާލުމުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކޮމަން ވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން މި މަހުގެ 16 ވަނަ ދުވަހު ނެރުނު ބަޔާނުގައި އިންކުއަރީ ކޮމިޝަން މިނިވަން ތަނެއް ކަމަށް ސީމެގުން ގަބޫލު ނުކުރާ ކަމަށް ބުނެ އެ ކޮމިޝަންގެ އަލުން އެކުލަވާލުމަށް ވަނީ ގޮވާލައިފަ އެވެ. އަދި ކޮމިޝަންގެ އެކުލަވައިލުމާއި މައުލޫމާތު ހޯދާ ގޮތްތަކަށް ބަދަލު ނުގެނެސް އިތުބާރު ކުރެވޭ ތަނަކަށް އެ ކޮމިޝަން ނުހަދައިފި ނަމަ އިތުރަށް ވަރުގަދަ ފިޔަވަޅެއް އެޅުމާ މެދު ވިސްނުމަށް މަޖުބޫރުވާނެ ކަމަށް ސީމެގުން މި ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ގޮވާލާފައިވާ ގޮވާލުން ކޮމަންވެލްތުގެ ބަޔާނުގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައި ވަނީ އަވަސް އިންތިހާބެއް ބޭއްވޭނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ކަމަށެވެ.