ފިޝަރީޒް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު ޙަސަންގެ ކިބައިން ލިޔުމުން ޖަވާބު ހޯދުމަށް ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ނުދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް މިނިސްޓަރު ހުރަސް އަޅާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ މިނިސްޓަރުގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ތިން ސުވާލެއް ފޮނުއްވާފައެވެ. އޭގެ ތެރޭގައި މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ މަހުގެ ތެރެއިން ރިޖެކްޓް މަހާ ގުޅޭ ބައެއް މައުލޫމާތު ހިމެނެއެވެ.

އޭގެތެރޭގައި ހިމެނެނީ:

  • މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ މަހުގެ ރިޖެކްޓް ލެވެލްއަށް އެ ކުންފުނީގެ އިންވޮއިސްތަކުން ހިލޭ ދޫކޮށްފައިވާ އަދަދާއި، އެ 2016 އިން 2017 އަށް އެ ހިސާބުތައް ހުރި މިންވަރުގެ ތަފްސީލް

  • ތައިލެންޑް ބަނދަރާ ހިސާބުން ނުވަތަ ގަންނަ ފަރާތުގެ ކޯލްޑް ސްޓޯރޭޖާ ހިސާބުން ރިޖެކްޓްވާ ގަނޑުކުރި ކަޅުބިލަ މަހާއި ކުދި ކަންނެލި މަހަށް ހަދާ ގޮތް

އެ ތިން ސުވާލުގެ ޖަވާބުގައި ވެސް މިނިސްޓަރު ވިދާޅުވެފައި ވަނީ އެކަންކަމުގެ މައުލޫމާތު މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިފްކޯ އަކީ މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏަކަށް ނުވާތީ، އެކަމުގެ މައުލޫމާތާއި ތަފްސީލް އެނގޭނީ މިފްކޯއަށް ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

"އެ މައުލޫމާތަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތަކީ މިފްކޯގެ ފަރާތުން ބަލަހައްޓާ، އެ ކުންފުނީގެ ވިޔަފާރި އާ ބެހޭ މައުލޫމާތެކެވެ." މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

އެކަމާ ހިތްހަމަޖެހިވަޑައިނުގެން ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުން ކޮންމެ ވުޒާރާއަކަށް މަސައްކަތްތަކެއް ހަވާލު ކޮށްފައިވާ ކަމަށާއި ވަޒީރާ މަޖިލީހުން ހަވާލު ކޮށްފައިވާ ކަންކަން ބައްލަވާނެ ކަމަށެވެ. އަދި ތަފާސްހިސާބު ބެލެހެއްޓުމަކީ އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވަނީ ނަމަ، ވަޒީރަށް އެ ހުންނެވެނީ "ނުބައި މަގެއްގައި" ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

މަޖިލީހުން ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމުގެ މައްސަލަތައް މީގެކުރިން ބަލާފައިވާއިރު، ރިޖެކްޓް މަހަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގޭ އަމަލެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބޭފުޅާއާ ބެހޭ ކަންތަކާ ނުބެހޭ ކަންތަކާ ކަނޑައަޅުއްވާނީ އެ ބޭފުޅާއެއް ނޫން، ވަޒީރެއް ނޫން. އަޅުގަނޑަށް ފެންނަ ފެނުމުގައި މި ބާވަތުގެ މައުލޫމާތު ރިޖެކްޓްވާ މިންވަރުގެ މައުލޫމާތަކީ ކޮންމެހެން ވެސް ބަލަހައްޓަން ޖެހޭނެ މައުލޫމާތެއް. ދެން އެ މައުލޫމާތު ތަފާސްހިސާބުތަކުގައި ނުބެލެހެއްޓިވާ ކަމަށް ވާނަމަ އެއީ ގާނޫނާ ޚިލާފު ކަމެއް ހިނގަމުން އެ ދަނީ. މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވަމުން.ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ތުހުމަތު ކުރެއްވީ ފިޝަރީޒް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޑިވިޝަންގެ މަސައްކަތް ފެށުނު އިރުން ފެށިގެން މަސް އެކްސްޕޯޓު ކުރުމުގައި ރިޖެކްޓް ކުރީ ކަމަށް ބުނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި އެބަހުރި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރާ ސަރުކާރުގެ މިނިސްޓަރުން ދެއްވާ ޖަވާބުތަކާ މެދު ރައީސް ނަޝީދު ހިތްހަމަޖެހިވަޑައިނުގެން މިފަހަކަށް އައިސް ވާހަކަ ދައްކަވައެވެ. ވަޒީރުންގެ ވާހަކަ މެދު ކަނޑާލުމަށް ފަހު ޖަވާބާ ގުޅޭގޮތުން ބައެއް ވާހަކަ ތަފްސީލް ކޮށްދެއްވުމަށާއި، ދެއްވާ ޖަވާބު ތަކާ މެދު އެ މަނިކުފާނުގެ އަމިއްލަ ރައުޔު ވެސް ހާމަ ކުރައްވައެވެ.