27 Apr 2012, 19:44
ދުނިޔޭގެ ޗެމްޕިއަން ބާސެލޯނާގެ ކޯޗުކަމުގައި ޕެޕް ގާޑިއޯލާ ކުއްލި ގޮތަކަށް ވަކިވިކަން އޭނާ ކަށަވަރުކޮށްދީފި އެވެ.
މި ސީޒަނަށް ފަހު ކޯޗުކަމާ ވަކިވާން ގާޑިއޯލާ ނިންމީ ޗެލްސީ އަތުން ބަލިވެ، ޗެމްޕިއަންސް ލީގުން ކަޓައި، ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވެ ލީގު ވެސް ނުލިބޭނެކަން ކަށަވަރުވި ފަހުންނެވެ.
ގާޑިއޯލާ ވަކިވުމުން ބާސެލޯނާގެ ކޯޗުކަމާ ދެން ހަވާލުވާނީ މިހާރުގެ އެސިސްޓެންޓް ކޯޗު ޓިޓޯ ވިލަނޯވާ ކަމަށް ވަނީ ނިންމައިފަ އެވެ.
މިއަދު ހަވީރު ބާސެލޯނާގެ ނޯކޭމްޕްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ ބުނީ އޭނާ މި ނިންމުމަކީ ބާސެލޯނާ އަށް އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
ކުލަބުގެ ރައީސް ސަންދްރޯ ރޮސެލް އާއި ސީނިއާ ބައެއް ކުޅުންތެރިންކަމަށްވާ ކެޕްޓަން ކާލޮސް ޕުޔޯލް އާއި ޖެރާޑް ޕީކޭ އަދި ޒަވީ ހަނާންޑޭޒް އާއި ސެކް ފަބްރިގާސް ވެސް ބައިވެރިވި ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ ކުރު މުއްދަތެއްގެ ކޮންޓްރެކްޓް ކަމަށާއި ބާސެލޯނާގެ ކޯޗުކަމުގައި ހަތަރު އަހަރުވުމަކީ ވަރަށް ދިގު މުއަދަތެއް ކަމަށެވެ. އަދި ބާސެލޯނާއާ ވަކިވުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އޭނާގެ ނިންމުމަކީ މިވަގުތު ކުލަބަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. މިގޮތަށްބުނިއިރު މި ސީޒަނުގައި ގާޑިއޯލާއާއި ޑެނީ އަލްވެޒް ފަދަ ބައެއް ކުޅުންތެރިންނާ މެދު ވަނީ ގުޅުން ގޯސްވެފަ އެވެ.
ބާސެލޯނާގެ ކެޕްޓަންކަމާއި ޔޫތު ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާ ގާޑިއޯލާގެ ކޯޗުކަމުގައި ފާއިތުވެދިޔއ ހަތަރު އަހަރު އެ ޓީމު ވަނީ 13ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ދެ ޗެމްޕިއަންސް ލީގާއި ދުނިޔޭގެ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު އަދި ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.
ބާސެލޯނާގެ ރައީސް ބުނީ ގާޑިއޯލާ އަކީ އަބަދުވެސް ބާސެލޯނާގެ މީހެއް ކަމަށާއި އޭނާ ނިންމާނީ އަބަދުވެސް ކުލަބަށް ފައިދާހުރި ގޮތަށް ކަމަށެވެ.
ބާސެލޯނާގެ ކޯޗުކަމުން ގާޑިއޯލާ ވަކިވިކަން ކަށަވަރުވިއިރު އޭނާ ގެންދިއުމަށް އެންމެ ބޮޑަށް ފައިވިއްދާފައިހުތީ ޗެލްސީގެ މަހުޖަނު ރޯމަން އަބްރޮމޮވިޗެވެ. އަހަރަކު 10 މިލިއަން ޕައުންޑްގެ ފީއަކަށް އޭނާ ޗެލްސީއަށްދާނެ ކަމަށް ބެލެވޭއިރު ބާސެލޯނާގެ ކޯޗުކަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ހިނގައިދާނެ ކަމަށް ކޮންމެ ތިންމީހަކުން އެކަކު ބުނަމުންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނަން ފަށައިފަ އެވެ. ނަމަވެސް ރޮސެލް ބުނީ ބާސެލޯނާއިން ފުރަތަމަ އިސްކަންދޭނީ ކުލަބުގެ މީހުންނަށް ކަމަށެވެ.