ބޮލީވުޑްގެ އެންމެ މަގުބޫލު ޑައިރެކްޓަރު ސިދާތް އާނަންދުއާއި އެކްޓަރު ސައިފް އަލީ ޚާން ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނެޓްފްލިކްސްއާއި ގުޅިގެން އުފައްދާ މި ފިލްމަކީ ސައިފްއާއި ސިދާތް އެކީގައި މަސައްކަތް ނުކުރާތާ 16 އަހަރު ފަހުން ދެ މީހުން އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ. ސައިފްއާއި ސިދާތް އާނަންދު އެކީގައި އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ޔަޝް ރާޖްއިން ގެނެސްދިން ފިލްމު "ތަރަ ރަމް ޕަމް"ގައެވެ.

މި އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތަކީ މި ވަގުތު ބޮލީވުޑްގެ އެންމެ ޑިމާންޑު އޮތް އެއް ޑައިރެކްޓަރެވެ. ސިދާތު ވަނީ ފިލްމު "ތަރަ ރަމް ޕަމް"ގެ އިތުރުން ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ސަލާމް ނަމަސްތޭ"ގައި ވެސް ސިދާތާ އެކު މަސައްކަތް ކޮށްފައެވެ.

ސިދާތްއަކީ ޔަޝް ރާޖް ކުންފުނީގެ ގިނަ ފިލްމުތަކުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެއް ނަމަވެސް މި ފަހަރުގެ ފިލްމު ގެނެސްދޭނީ އަމިއްލަ ކުންފުނި މާފްލިކްސް ޕްރޮޑަކްޝަންސްއިންނެވެ. މިއީ މިފިލްމުގެ ފުރަތަމަ ބައި ނަމަވެސް ފިލްމު ފްރެންޗައިސްއެއްގެ ގޮތުގައި ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައިފް އަލީ ޚާން އެންމެ ފަހުން ނެޓްފްލިކްސްއަށް ކުޅެދިން "ސޭކްރެޑް ގޭމްސް"އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ވެބް ސީރީސްއެކެވެ. ޕެންޓޮމް ފިލްމްސްއާއި ރިލަޔަންސް އެންޓަޓެއިން ގުޅިގެން ނެޓްފްލިކްސްއިން ގެނެސްދިން މިވެބް ސީރީސްގެ ދެ ސީޒަންވަނީ ރިލީޒްކޮށްފައެވެ. އަމިއްލަ އެކްޝަން ފިލްމެއް ފަށާން ސިދާތު ނިންމާފައިވާއިރު އެކްޓަރު ރިތިކް ރޯޝަންއާއި ބަތަލާ ދިޕިކާ ޕަދުކޯން ލީޑް ރޯލްއިން ފެންނަ ފިލްމު "ފައިޓާ" އަދި ސަލްމާން ޚާންއާއި ޝާހްރުކް ޚާން ލީޑް ރޯލްކުޅޭ ފިލްމު "ޓައިގާ ވާސަސް ޕަތާން"ގެ މަސައްކަތް ވެސް ޑައިރެކްޓަރު އަންނަނީ ކުރަމުންނެވެ.

ސައިފް އަލީ ޚާންއާ އެކު ސިދާތު އުފައްދަން ނިންމާފައިވާ ފިލްމު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރު ފިލްމު "ވިކްރަމް ވެދާ"އިން ސައިފް ފެނިފައިވާއިރު މި އަހަރުގެ ޖޫން މަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "އަދިޕުރުޝް"އިން ސައިފް ފެންނާނެއެވެ.