24 May 2023, 08:06
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން ވިޔަފާރިއެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑްގެ ޓައިގާ ތައްޔާރުވަމުން އަންނަނީ 19 ބުރީގެ ޓުއަރިސްޓު ހޮޓަލެއް ބިނާކުރުމަށް ކަމަށް ވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ. މިއީ ސަލްމާން ޚާންއާއި އެކްޓަރުގެ ޢާއިލާއިން ވަރަށް ކުރީއްސުރެ ވެސް ދެކެމުންއައި ހުވަފެނެއް ކަމަށް އިންޑިއާގެ މީޑިއާތަކުންވަނީ ބުނެފައެވެ.
ޚަބަރު ލިބޭ ގޮތުގައި ސަލްމާން ޚާން ވަނީ މި ވިޔަފާރީ ފެށުމަށް ވަރަށް ބޮޑު އަދަދެއްގެ ފައިސާ އިންވެސްޓްކޮށްފައެވެ. މި ލަގްޒަރީ ހޮޓާ ވިޔަފާރީގައި ސަލްމާންގެ އިތުރުން ސަލްމާންގެ ކޮއްކޮ ސުހައިލް ޚާން، އަރްބާޒް ޚާން އަދި އަންހެން ކޮއްކޮ އަރްޕިތާ ޚާން ވެސް ހިއްސާވެއެވެ. އިންޑިއާގެ އެންމެ މަގުބޫލު ސިޓީ މުމްބައީގެ ބަންޑްރާގައި ބިނާކުރުމަށް ނިންމާފައިވާ މި ހޮޓާ ލޮކޭޓްކުރުމަށް ނިންމާފައިވަނީ މޫދު ސަރަހައްދުންނެވެ. ސަލްމާން ޚާނާ އެކު އާއިލާގެ މެންބަރުން މި ހޮޓާ ވުޖޫދަށް ގެނައުމުގައި ހިއްސާވި ނަމަވެސް މި ވިޔަފާރީގެ ވެރިއަކީ ސަލްމާންގެ މަންމަ ސަލްމާ ޚާންއެވެ.
މި ހޮޓާ ބިނާކޮށް ނިމޭއިރު ކެފޭއާއި ރެސްޓޯރެންޓް އަދި ޖިމްނާސްޓިކް ޚިދުމަތާ އެކު ކޮންވެންޝަން ސެންޓަރެއް ވެސް ހުންނާނެ ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.
ސަލްމާން ޚާންއަކީ 'ބީންގް ހިއުމަން'ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ވެސް އުފައްދާފައިވާ ފަރާތެކެވެ. މި ބްރޭންޑްގެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީ ސަލްމާން ހޭދަކުރަނީ އެހީތެރިކަން ބޭނުންވެ ހާލުގައިޖެހިފައިވާ ފަރާތްތަކަށެވެ.
ބޮލީވުޑް ފިލްމީ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސަލްމާން ޚާން ވެގެންދާނީ އަމިއްލަ ނަމުގައި ހޮޓަލެއް ބިނާކުރާ ފުރަތަމަ ފިލްމީ ތަރިއަށެވެ.
ހާއްސަކޮށް ވިޔަފާރީގައި އާއިލާ މެންބަރުންތަކެއް ހިއްސާކުރުމާ އެކު ސަލްމާންއަކީ އާއިލާ މެންބަރުންދެކެ އިންތިހާ ލޯބިވާ ފަރާތެއްކަމަށް ސަލްމާންގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާގައި އަދި ވެސް ކާމިޔާބުކަމާ އެކު ހަރަކާތްތެރިވާ އެކްޓަރު އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ޓައިގާ3"އިންނެވެ.