ފުޓްބޯޅަ އެސޯސިއޭޝަނުގެ ކޯޑްއޮފް އެތިކްސްއާ ހިލާފަށް އެއިދާރާ އަށާއި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޫސާ މަނިކު (ކުޑަމޫސަ) އަށް ފާޑުކިޔާފައިވާތީވެ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒޭން ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

މިކަން އެފްއޭއެމާއި ސުޒޭން ވެސް ކަށަވަރުކޮށްދޭއިރު އެފްއޭއެމުން ބުނީ ސަަންއެފްއެމުގެ ކުޅިވަރު ޕްރޮގްރާމުގައި ސުޒޭން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ދެއްކި ވާހަކަތަކަކީ ފުޓްބޯޅަ އާއިލާ ފިތުނަވެރިކުރުވަން ދެއްކި ވާހަކަތަކެއް ކަމަށެވެ.

އަދި މި މައްސަލަ ބެލީ ކުޑަމޫސަ އާއި އެފްއޭއެމުގެ ރައީސް އަލީ އާޒިމް އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.

އެފްއޭއެމުގެ ހުރިހާ ހަރަކާތަކުން ސުޒޭން ސަސްޕެންޑް ކުރުމުން އޭނާ އަށް ވިކްޓަރީގެ ކޯޗުކަމުގައި ވެސް ނުހުރެވޭނެ އެވެ. ސުޒޭން ނެތުމުން ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވެނީ އެސިސްޓެންޓް ކޯޗު އަދި އޭނާގެ ކޮއްކޮ މުހައްމަދު ނަޒީހު އެވެ.

ސަން އެފްއެމުގެ ކުޅިވަރު ޕްރޮގްރާމުގައި ސުޒޭން ބުނީ އެފް.އޭއެމުގައި ފުޓްބޯޅަދާ މިސްރާބު ބުނެދޭން އެނގޭނެ އެކަކު ވެސް ނެތް ކަމަށެވެ. ސުޒޭނަކީ އާއްމުކޮށް އެފްއޭއެމަށް ވަރަށް ފާޅުގައި ފާޑުކިޔާ މީހެކެވެ. އޭނާ ބުނަނީ އެފްއޭއެމުން އޭނާ ދެކެ ނުރުހެނީ އެސަބަބާ ހެދި ކަމަަށެވެ.