އަމީނީ މަގުގައި މިހާރު މަސައްކަތްކުރާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފެށުމަށް އެ މަގު ތަރައްގީކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ތައްޔާރުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މަސައްކަތް ޝެޑިއުލްކޮށްފައި އޮތީ ބުރާސްފަތި ދުވަހު ފަށާ ގޮތަށެވެ.

އަމީނީ މަގުގެ ތާރު އެޅުމަށް މިހާރު ތައްޔާރުކުރާ ސަރަހައްދުގެ މަސައްކަތު އަޕްޑޭޓް "ސަން"އަށް ދެއްވަމުން އާރްޑީސީގެ މީޑިއާ އޮފިޝަލް އަހްމަދު ފައިރޫޒް ވިދާޅުވީ މިހާރު ކުރަނީ މަގުގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ސެގްމަންޓު 4، 5، 6 އަދި 7ގެ ފަސްގަނޑު ކޮމްޕެކްޓުކުރުމާއި އެހެން މަސައްކަތްތައް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމްޕެކްޓުކޮށް ނިމުމުން އޭބީސީ ލޭޔަރު އަޅާނެ. މި ވަގުތު ތާރު އެޅުމުގެ މަސައްކަތަށް ސެގްމަންޓު ހަތަރަކުން ހަތަކަށް އަމީނީ މަގާ ގުޅިފައިވާ އެންމެހާ މަގުތައް ބަންދުކުރެވިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

ފައިރޫޒް ވިދާޅުވީ މިހާރު އެ ކުންފުނީގައި މަގުތަކުގައި ތާރު އެޅުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ. އެހެންކަމުން އަމީނީ މަގުގެ ބާކީ ބައިގައި ދެން ތާރު އެޅުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން އަމީނީ މަގުގެ މަސައްކަތް ނިމުނު ބައިގައި ތާރު އެޅީ އެމްޓީސީސީންނެވެ. އާރުޑީސީން އޭރު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ އެ ކުންފުނީގެ މެޝިނަރީތައް ބަހައްޓާނެ ތަނެއް ނުލިބިގެން މަގު ހެދުމުގެ މަސައްކަތް ލަސްވާތީ ކަމަށް ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.