23 May 2023, 21:41
މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމަށް ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
މިހާރު ރާއްޖެ އައިސް އުޅޭ މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިސް ވެރިން ހިމެނޭ ވަފްދާއެކު މާގިރި ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އެ ކޮމިޝަނުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން މިދިޔަ އަހަރު މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކުރި ކަމަށާއި، އެ ފަހުމް ނާމާއަކީ ވަރަށް މުހިއްމު އެއްބަސްވުމެއްކަމަށެވެ.
އެ ފަހުމުނާމާގެ ދަށުން އެމްއޭސީސީ ފަދަ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ގިނަ ދުވަސްވީ މުއައްސަސާއަކާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިގެންދާކަމީ އޭސީސީގެ މަސައްކަތްތަކަށް ލިބިގެންދާ ކުރިއެރުމެކެވެ. ދެފަރާތް ގުޅިގެން ކުރެވޭ މަސައްކަތުގައި މިހާރުވެސް ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ދެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ މަޢުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާ އަދި ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ އޭސީސީގެ ވަފްދާއެކު ރާއްޖޭގެ އޭސީސީގެ މެމްބަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/ އޭސީސީ
މި ބައްދަލުވުމުގައި މެލޭޝިއާގެ އޭސީސީގެ އިންޓެލިޖެން ޔުނިޓުގެ ޑެޕިއުޓީ ޑައިރެކްޓަރު ގަލަން ދެއްކެވި ވާހަކަފުޅުގައި އޭސީސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި އެމްއޭސީސީން ފަންނީ ގޮތުން ތަފާތު އެހީތަށް ދެވިދާނެކަން ފާހަގަކުރައްވައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.
އޭސީސީގެ ދައުވަތަކަށް މިމަހުގެ 22 އިން 26 އަށް މެލޭޝިޔާގެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވަފުދުން ކުރަމުންގެންދާ ޒިޔާރަތުގައި އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޭސީސީގެ ތަޖުރިބާކާރު ބޭފުޅުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދެ ދުވަހުގެ މި ޕްރޮގްރާމުގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރައްވާ އެކި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނޭކަމަށް އޭސީސީން ބުނެއެވެ.