27 Apr 2012, 17:07
ކުރިން ވެސް ލަފާކުރި ގޮތަށް ދިރާގުގެ ސަބްމެރީން ކޭބަލް ހަލާކުވުމަށް މެދުވެރިވީ ނަގިއްޔެއްގައި އަޅައިގަނެގެން ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކްޓިވް އިބްރާހިމް އިމްޖާދު ޖަލީލް މިއަދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
"ކޭބަލް މަރާމާތު ކުރާ ބޯޓް ކޭބަލް ނަގާ ބެލިބެލުމުން މިހާރު ޔަގީން ވެއްޖެ ކޭބަލް ހަލާކުވުމަށް ދިމާވީ ބޯޓެއްގެ ނަގިޔެއް އަޅައި ގަނެގެންކަން،" އިމްޖާދު ވިދާޅުވި އެވެ.
ނަމަވެސް ކޭބަލަށް ދިމާވެފައިވާ ގެއްލުމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އިމްޖާދް އިތުރަށް ވިދާޅުވީ ކަނޑުގެ އަޑީގައި ބޭނުންކުރާ އުޅަނދެއް ބޭނުންކޮށްގެން މިހާރު ކޭބަލްގެ މަރާމާތު ކުރަމުން އަންނަ ކަމަށެވެ. ދިރާގުން މިހާރު ބުނަމުން އަންނަނީ މި މަސް ނިމެންވާ އިރަށް މައްސަލަ ހައްލުކޮށް، ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.