23 May 2023, 17:49
ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕުން ފަށަން ތައްޔާރުވެފައިވާއިރު، އެ ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށަނީ، 46،000 ރުފިޔާއަށް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ޓްރީޓޮޕުން ވަނީ މި މަހުގެ ފަހުކޮޅު އައިވީއެފްގެ ޚިދުމަތް ފެށަން ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން އިތުރު ތަފްސީލު ދެއްވަމުން، އެ ހޮސްޕިޓަލުގެ ސީއޯއޯ އަދީލް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ، އައިވީއެފްއަށް ނަގާ އަގު ކަނޑައެޅުމުގައި ބައިވަރު ކަންކަމަށް ރިއާއަތްކުރި ކަމަށެވެ. އެގޮތުން، މި ސަރަހައްދުގެ އެހެން ގައުމުތަކުގައި އެ ފަރުވާ ދޭ އަގުތަކަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިމައިވުމުގެ މައްސަލައަށް ފަރުވާކުރުމަށް ބޮޑު ޚަރަދު ކޮށްގެން، ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. އެކި މަރުޚަލާތަކަށް ބެހިގެންދާ މި ޓްރީޓެމެންޓަށް ބޮޑު ޚަރަދެއް ކުރަން ޖެހޭއިރު، އެކަމަށް ފަރުވާކުރަން ބޭރު ގައުމެއްގައި ހުންނަން ޖެހޭ މުއްދަތުގައި އަތުން ދާ ޚަރަދުތައް ވެސް އެހާ ބޮޑެވެ.
އާދިލް ވިދާޅުވީ، އެފަދަ ހުރިހާ ކަމަކަށް ވެސް ދެން ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި ޓްރީޓޮޕުން އައިވީއެފްއަށް 46،000 ރުފިޔާއަށް ފަރުވާދެނީ ފަރުވާ ދޭން ފަށަނީ ކޮންސަލްޓޭޝަނުން ފެށިގެން އެމްބްރިއޮ ޓްރާންސްފާ ހިމެނޭ، އައިވީއެފްގެ އެއް ބުރަށެވެ.
އާދިލް ވިދާޅުވި ގޮތުގައި، އައިވީއެފް އަށް އާސަންދަ ހޯދުމަށް ރަސްމީކޮށް މަޝްވަރާ ނުކުރާ ނަމަވެސް، އެ ފަރުވާ އަށް އާއްމުންނަށް އެހީއެއް ދެވޭނެ ގޮތްތައް ބަލާ ކަމަށެވެ. އަދި އާސަންދަ އަށް ބޭނުންވާ މައުލޫމާތުތައް ފޮނުވަން އެ ކުންފުނިން އެދިފައިވާ ކަމަށް އާދިލް ފާހަގަކުރެއްވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާ ހައްސަކޮށްފައި ވަނީ، އައިވީއެފްގެ ޚިދުމަތަށެވެ. ޓްރީޓޮޕުން ބުނީ، ޚިދުމަތް ފަށަން ކުރަން ޖެހޭ ހުރިހާ ކަމަކަށް އެ ހޮސްޕިޓަލުގެ ފަރާތުން ތައްޔާރުކަމަށެވެ. ޓްރީޓޮޕްގައި އައިވީއެފް ސެންޓަރު ހުޅުވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ.