23 May 2023, 21:38
ސްކޮލާޝިޕް ލިބި، ރާއްޖެއިން ބޭރަށް ކިޔަވަން ދާ ދަރިވަރުން، އެނބުރި ގައުމަށް އައިސް ޚިދުމަތް ކުރެއްވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން މިއަދު ނަސޭޙަތްތެރިވެ ވަޑައިގެންފިއެވެ.
އުމަރު ޒާހިރު ބިލްޑިން ގައި ބޭއްވި ޕްރެޒިޑެންޓްސް އެވޯޑް އެންޑް ހައި އެޗީވާސް ސްކޮލަޝިޕްގެ ޑިޕާޗާ ބްރީފިން ސެޝަން ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ދަރިވަރުންނަށް މި ސްކޮލާޝިޕް ފުރުސަތުތައް ދިނުމުގެ އެންމެ މައިގަނޑު އެއް މަގުސަދަނީ އެ ދަރިވަރުން ތަޢުލީމު ޙާސިލް ކުރުމަށްފަހު އެނބުރި ގައުމަށް އައިސް ޚިދުމަތް ކުރުން ކަމަށެވެ. އެހެން ކަމުން އެކަން ކޮށްދެއްވުމަށް ހުރިހާ ދަރިވަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ހައިއެޗީވާސް ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރު ގައުމަކަށް ކިޔަވަން ދިޔަ ނަމަވެސް، އެންމެ މުހިއްމު ކަމަކަށް ވާނީ އިސްލާމްދީނަށް އިޙްތިރާމް ކުރުމާއި، އެ ދަރިވަރަކީ ދިވެއްސެއް ކަން ދަތުން ކަމަށެވެ. އެހެންކަމުން އެ ދެކަން ހަނދާނުގައި ބަހައްޓައިގެން އުޅުމަށް ވެސް އޭނާ ނަސޭހަތްތެރި ވެވަޑައިގެންނެވިެވެ.
"ބޭރަށް ކިޔަވަން ދިޔަ ނަމަވެސް، އިސްލާމް ދީނަށާއި، މިއީ ދިވެހީންކަން ވާނެ ހުރިހާ ކުދިން ވެސް ދަންނަން. ބޭރު ގައުމަކަށް ދާ ހިސާބުން ތިއީ ދިވެހި އެމްބެސެޑަރެއް. އެހެންވީމާ ދިވެހި ގައުމުގެ އަގު ވެސް ހިފަހައްޓާނީ ތިކުދިން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު އިބްރާހިމް ހަސަންގެ ވަނީ ބޭރު ގައުމެއްގައި ހިލޭ ކިޔަވަން ހުރުމަކީ، ދިރިއުޅުމުގައި އެ މީހަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު ކަން ހަނދުމަކޮށްދެއްވަމުން، އެ ނަސީބުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިނިސްޓަރު ދަރިވަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
"މި ޒަމާނުގައި ހިލޭ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި މެލޭޝިއާ ފަދަ ގައުމެއްގައި ކިޔަވަން ދިޔުމަކީ ދިރިއުޅުމުގައި އެއް ފަހަރު ލިބޭނެ ކަމެއް. އެހެން ކަމުން ހުރިހާ ދަރިވަރުން ވެސް ވާނެ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފަން. މިއީ އަބަދަކު ލިބޭނެ ފަދަ ފުރުސަތެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންނަށް ދިން ބްރީފިންގައި މިނިސްޓަރު ވަނީ މިނިސްޓަރު ސްކޮޓްލޭންޑުގައި ކިޔަވަން ހުންނެވި ދުވަސްވަރުގެ ވާހަކަތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި، އޭގެން ދަރިވަރުންނަށް ފިލާވަޅު އުނގަންނަވައި ދެއްވާފައެވެ.
ނިމިދިޔަ ހަފުތާގެ ތެރޭގައި ހަވާލުކުރެވުނު ހައި އެޗީވާސް ސްކޯލާޝިޕްގެ ދަށުން ދުނިޔޭގެ ކޮންމެ ގައުމެއްގައި އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ މަގު ވަނީ ފަހިވެފައެވެ. އެގޮތުން މި އަހަރު މި ސްކޯލާޝިޕް 155 ދަރިވަރަކަށް ވަނީ ލިބިފައެވެ.