23 May 2023, 21:06
ކަންތައްތައް ކުރައްވަން އެނގިވަޑައި ނުގެންނެވުމަކީ އެކަމެއް ނުކުރައްވަންވީ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގޮވާލައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ހަސަލް ލަތީފް ވަނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންކަން ރައީސް ޞާލިޙް ތަންފީޒް ނުކުރައްވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މެމްބަރު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމަށްޓަކައި އެކުލަވާލި މެނިފެސްޓޯ ގިނަ ކަންތައްތައް ވަށާ ޖެހޭ ގޮތަށް ކުރެވޭ ނިޒާމެއް ގާއިމްކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި ހުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދީގެން ރައްޔިތުންނަށް މުސާރައެއްގެ އަޅުވެތި ކަމުގައި ސިޔާސީ ބޭނުމަށް ވޯޓު ހޯދުމަށް ކަމަށް ވިދާޅުވެ އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
ކަންކަން ކުރާނެ ގޮތް ދަސްކުރައްވައިގެން ހޯއްދަވައިގެން ފަންނުވެރިން އަރިހުން މައުލޫމާތު ސާފު ކުރައްވައިގެންވެސް އެކަންކަން ވާނެ ކޮށްދެއްވަން. އެއީ ވައުދުވީ އެ ކަމަށް. ވޯޓު ލިބުނީ އެކަމަށް. ތިމަންނާ ދަންނަ ކަމެއް ނޫންވީމާ ތިމަންނާ ކުރާނެ ކަމެއް ނޫނޭ އެއީކީ. ނުކުރާނަމޭ. އެހެނެއް ނޫން ގައުމެއްގެ ވެރިކަން ކުރަންވާނީ.ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
މީގެ އިތުރުން މެމްބަރު ވިދާޅުވީ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ރައީސަށް އެނގިވަޑައިގަންނަވާ ކަމަށް ގަބޫލު ކުރަން ދަތި ކަމަށާއި، ކަމެއް ކުރަން ނޭންގުމުން ނުކުރާނަމޭ ބުނުމަކީ އެ ކަމެއް ފަރު ޖެހެންވީ ސަބަބެއް ނޫން ކަމަށެވެ.
ހަސަން ލަތީފް ހިމެނޭހެން ކުރިން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ސަރުކާރާ ފެޔަށް ޖެހުނީ އެޖެންޑާ 19 މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން ސަރުކާރުން އަދިވެސް ތަންފީޒު ނުކުރާ ކަމަށް ބުނަމުންނެވެ. އެ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޕާޓީ ދެބައިވެ، އެ ޕާޓިގައި ތިބި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން 'ފިކުރެއްގެ ދިރުން' މި ނަމުގައި އެމްޑީޕީ ތެރޭގައި ވަކި ގޮތްޕެއް ހަދައިގެން މަސައްކަތް ކުރުމަށް ފަހު ޕާޓީއާ ވަކިވެ، އެ މެމްބަރުން މިހާރު ގެންދަވަނީ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަންގައި އެދިފައެވެ. އަދި މި މައްސަލަ ގަނޑުގެ ތެރެއިން ޖުމްލަ 13 މެމްބަރަކު ޕާޓީން ވަކިވުމާއެކު އެމްޑީޕީއަށް ވަނީ މަޖިލީހގެ ސުޕަ މެޖޯރިޓީ ގެއްލިފައެވެ.