ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް އައްބާސް އާދިލް ރިޒާ ހޯދުމަށް ފުލުހުން ފޮޓޯ އާންމު ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް އޭނާ ރައްދު ދެއްވައިފިއެވެ.

އައްބާސް އާދިލް ރިޒާ ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފައިވަނީ, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން މައްސަލައިގެ ޗިޓް ރައްދު ކުރެވިފައި ނުވާތީއެވެ.

އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މީގެ ކުރިން ތިން އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރި ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓް ރައްދު ނުކުރެވި އަދި ކޯޓަށް ހާޒިރުވެފައި ނުވާތީ އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފައެވެ. މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

އެކަމާ ގުޅިގެން އޭނާގެ ޓްވިޓާ އެކުންޓުން އާންމުކުރި ބަޔާނެއްގައި ވިދާޅުވީ, އޭނާ މި ވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އޭއީ އޭނާގެ ބައްޕަގެ ބޭސްފަރުވާއަށް ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވަނީ ފިލައިގެން ނޫންކަން ފާހަގަކޮށް އެ ބަޔާނުގައި އައްބާސް ވިދާޅުވީ އޭނާ ދިޔަ ގައުމަކާއި މިވަގުތު ހުރި ގައުމާއި ބައްޕަ ބޭސްފަރުވާ ކުރަމުންދާ ހޮސްޕިޓަލްގެ މައުލޫމާތު ވެސް ސަރުކާރަށް އެނގޭނެ ކަމަށެވެ.

"އަޅުގަނޑު ބަދުނާމު ކުރުމުގެ ބޭނުމުގައި ޝަރީއަތަށް ގޮވާ ނުފެނުނުކަމަށް ހަދައިގެން ސަރުކާރުން ހިންގަމުންދާ ފިނޑި އަމަލު ކުށްވެރިކުރަން," އައްބާސް ވިދާޅުވިއެވެ.

ސަރުކާރުން އޭނާ ބަދުނާމު ކުރާކަމަށް ތުހުމަތުކުރައްވައި އައްބާސް ވިދާޅުވީ އެކަމުގެ ސަބަބަކީ ސޯޝަލް މީޑިއާގައި އިންޑިއާ އަޅުވެތި ކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް ދައްކަމުންދާ ހޭލުންތެރި ކުރުވުމުގެ އަޑުކަނޑުވާލުން ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އައްބާސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލާފައި ވާތީއާއި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައިވާތީ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފުލުހުން އައްބާސްގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ވިދާޅުވެ އެކަމުގެ ބަދަލު ހިފުމަށް ގޮވާލައި އޭނާ ޓްވީޓު ކުރެއްވުމުންނެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، އެކަން ފަށަންވީ އިންޑިއާ އެމްބަސީން ކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ކްލަބް ހައުސް" ގައި އައްބާސް ވާހަކަ ދައްކާފައިވެއެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޓްރޭޑް ރެޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައެވެ.