05 Aug 2010, 09:41
15:00
މުވާޞަލާތީ ވަސީލަތްތައް ތަރައްޤީއަށް ވަރަށް މުހިންމު ކަމަށާއި، އެއާނުލާ ތަރައްޤީ ފުރިހަމަ ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނެޕާލަށް އަމާޒުކޮށްގެން އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަނުން ބާއްވާ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ މިއަދު ހެނދުނުގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ހިނގަމުންދަނީ ޕެރެޑައިސް އައިލެންޑް ރިޒޯޓުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ އާބާދީއެއް އޮތް ޤައުމަކަށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުވައިދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް ޙައްލަކީ މުވާޞަލާތީ ވަސީލަތްތައް ބޭނުންކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި، ތަޢުލީމާއި ޞިއްޙީ ދާއިރާފަދަ އަސާސީ ޚިދުމަތްތައް ފޯރުވައިދިނުމުގައި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތައް ސަރުކާރުން ހޯދަމުން ގެންދާ ކަމުގައި ރައީސް ވިދާޅުވި އެވެ. މިގޮތުން، ޓެލެމެޑިސިންއާއި، ސްކޫލްތަކުގައި ސްމާޓްބޯޑް ބެހެއްޓުމަށް މަގުފަހިކުރެވޭނެ ގޮތްތައް ހޯދުން އޭގެތެރޭގައި ހިމެނޭ ކަމުގައި ވިދާޅުވި އެވެ. މިކަމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިފަދަ ވަސީލަތްތައް އަވަށްޓެރި ޤައުމުތަކަށްވެސް ފުޅާކުރެވި، އެއް ޤައުމު އަނެއް ޤައުމާ ގުޅުވާލެވިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އައި.ޓީ.ޔޫ.ގެ ފަރާތުން މި ބާއްވާ ފޯރަމްގެ ބޭނުމަކީ، މުވާޞަލާތީ ދާއިރާގައި އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނެޕާލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި އެކަންކަމުގެ ޙައްލު ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.