އަންކަރާ (23 މެއި 2023): ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންއަށް ތާއީދުކުރަން, އެ އިންތިޚާބުގެ ފުރަތަމަ ބުރުން ތިންވަނަ ލިބުނު ކެންޑިޑޭޓް ސިނާން އޮޣާން ނިންމަވައިފިއެވެ.

މިކަމާބެހޭގޮތުން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ސިނާން ވިދާޅުވީ ޕީޕަލްސް އޭލަޔަންސުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އެރުދުޣާނަށް އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން މިހާރު ނިންމަވާފައިވާ ކަމަށާއި އޭނާއަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުން ދެވަނަ ބުރުގައި އެރުދުޣާނަށް ވޯޓު ދިނުމަށް އިލްތިމާސްކުރައްވާ ކަމުގައެވެ.

މި މަހުގެ 14 ވަނަ ދުވަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އެރެދުޣާން އެވެ. އެރުދުޣާން ވޯޓުގެ 49.51 އިންސައްތަ ހޯއްދެވިއެވެ. ދެވަނައަށް އެންމެ ގިނަވޯޓު ހޯއްދެވީ ތުރުކީގެ މައި އިދިކޮޅު ލީޑަރު ކަމާލް ކިލިޗްދަރޫޣްލޫ އެވެ. ކަމާލް އަށް ވޯޓުގެ 44.88 އިންސައްތަ ލިބިވަޑައިގެންނެވިއެވެ.

ތިންވަނައަށް އެންމެ ގިނަވޯޓު ލިބިވަޑައިގަތީ ސިނާން އޮޣާން އަށެވެ. އެއީ ވޯޓުގެ 5.17 އިންސައްތައެވެ. ހަތަރުވަނައަށް ދިޔަ ކެންޑިޑޭޓަކީ މުހައްރަމް އެންގާ އެވެ. އޭނާވަނީ ވޯޓުލުމުގެ ކުރިން ކެންޑިޑޭޓުކަމުން ވަކިވެފައެވެ. ނަމަވެސް އޭރު ވޯޓު ކަރުދާސްކޮޅު ޗާޕްކޮށްފައިވާތީ އޭނާގެ ނަންވެސް ވޯޓު ކަރުދާސްކޮޅުގައި އޮތެވެ. އޭނާއަށް ލިބިވަޑައިގަތީ އެއް އިންސައްތައަށްވުރެވެސް ކުޑަ މިންވަރެއްގެ ވޯޓެވެ.

އެންމެ ގިނައިން ވޯޓު ހޯއްދެވި އެރުދުޣާންއަށްވެސް ވޯޓުގެ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބިފައިނުވާތީ ދެވަނަ ބުރަކަށްދާން ތުރުކީގެ އިންތިޚާބުތަކާބެހޭ އިދާރާއިން ނިންމީއެވެ. ދެވަނަބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 28 ވާ އާދީއްތަ ދުވަހުއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެރުދުޣާން އާއި ކަމާލް ކިލިޗްދަރޫޣްލޫ އެވެ. ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯދުމަށް ކަމާލްއަށް ގާތްގަނޑަކަށް ހަ އިންސައްތަ ވޯޓު ބޭނުންވާއިރު އެރުދުޣާން އަށް ބޭނުންވަނީ ގާތްގަނޑަކަށް ބައި ޕަސެންޓް ވޯޓެވެ. ބައި ޕަސެންޓް ވޯޓު ހޯދުމަކީ ހަ އިންސައްތަ ވޯޓު ހޯދުމަށްވުރެ ހުރިހާ ގޮތަކުންވެސް ފަސޭހަ ކަމަކަށްވާތީ ދެވަނަބުރު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވިފައިވަނީ އެރުދުޣާންއަށެވެ.

އެރުދުޣާންއަކީ ކަމާލް އަށްވުރެ ސިޔާސީ ތަޖުރިބާ ބޮޑު އަދި ތުރުކީގެ ރައްޔިތުން ބަލައިގަންނަ ވަރުގެ ބޮޑު ލެގަސީ އެއްއޮތް ބޭފުޅެކެވެ. އަނެއްކޮޅުން އެރުދުޣާން، ސިނާން އޮޣާން ގެ ތާއީދު ހޯދުމަށް ޓަކައި ކުރެއްވި މަޝްވަރާތައް ކާމިޔާބުވެ ސިނާންވަނީ ދެވަނަ ބުރުގައި އޭނާގެ ތާއީދު އޮތީ އެރުދުޣާންއަށް ކަން އިއްޔެ ހާމަކުރައްވާފައެވެ. މިއާއެކު އިންތިޚާބުގެ ދެވަނަ ބުރު ވަރަށް ފަސޭހަކަމާއެކު އެރުދުޣާން އަށް ކާމިޔާބު ކުރެވޭނެކަމަށް ތުރުކީގެ ސިޔާސީ މަސްރަހު އެނގިވަޑައިގަންނަވާ މުހައްލިލުން ވިދާޅުވެއެވެ.

ކަމާލް ކިލިޗްދަރޫޣްލޫ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ނުކުމެވަޑައިގެންނެވީ ތުރުކީގެ ޖުމްހޫރިއްޔަތުގެ ބާނީ ކަމަށް މުސްތަފާ ކަމާލް އަތާތުރުކުގެ ބޯދާ ލާދީނީ ފިކުރުތައް ހިއްޕަވައިގެންނެވެ. ތުރުކީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި އެމެރިކާގެ ބަސްއަހާ އެމެރިކާއަށް ބޯލަނބާ ގައުމެއްގެ ގޮތުގައި އޮންނަ ސިޔާސަތު ހިއްޕަވައިގެންނެވެ. އަދި ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިކުރާނެކަމަށް ބުނެ ޔޫރަޕުން ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި ތުރުކީއަށް ދެއްކި ޒަމާންވީ ދަޅަތަކާއި ހުވަފެންތައް ހިއްޕަވައިގެންނެވެ.

މީގެއިތުރުން އެރުދުޣާންގެ ވެރިކަމުގައި އޭނާ ބިނާކުރައްވާފައިވާ ތުރުކީގެ އަމިއްލަވަންތަކަމާއި ސިނާއަތާއި އުފެއްދުންތެރިކަމުގެ މައްޗަށް ބިނާކޮށްފައިވާ ތުރުކީގެ އިގްތިސާދު ދަމަހައްޓާނެގޮތުގެ ޕްލޭނެއް ކަމާލް ކިލިޗްދަރޫޣްލޫ ރައްޔިތުންނަށް ދައްކަވާފައެއް ނުވެއެވެ.

ދެއްކެވީ އެމެރިކާއާއި ޔޫރަޕަށް ބޯލެނބުމުން ތުރުކީއަށް ފައިދާވާނެކަމުގެ އަވާމެންދުރުތަކާއި ހުވަފެންތަކެވެ. އަނެއްކޮޅުން ތުރުކީ ގެ އިސްލާމީ ވަންތަކަން ނަގާލާ ލާދީނީ ސަގާފަތެވެ. ނަތީޖާއަކަށްވީ ތުރުކީގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޒުވާންޖީލު މިކަންކަން މިހާރު ގަބޫލުނުކުރުމެވެ.

ތުރުކީގެ ޖުމްހޫރިއްޔަތުގެ ބާނީ ކަމަށް މުސްތަފާ ކަމާލް އަތާތުރުކުގެ ބޯދާ ލާދީނީ ފިކުރުތަކާއި އަމިއްލަވަންތަކަން ދޫކޮށް އެމެރިކާއާއި ޔޫރަޕަށް ބޯލެނބުމުގެ ސިޔާސަތަށް މިހާރު މައިގަނޑު ގޮތެއްގައި ތާއީދުކުރަނީ ތުރުކީގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ތަންކޮޅެއް ދުވަސްވީ މީހުންނެވެ. އެރުދުޣާންގެ ދިގުލީ ވެރިކަމުގައި ތުރުކީގައި މިހާރުވަނީ މުޅިން އައުޖީލެއް އުފެދިފައެވެ. އައުޖީލަށް ނިސްބަތްވާ ގާތްގަނޑަކަށް ހަތް މިލިޔަން މީހުން މިފަހަރުގެ ވޯޓުގައި ބައިވެރިވިއެވެ.

އިދިކޮޅު ލީޑަރު ކަމާލް ކިލިޗްދަރޫޣްލޫ އާ ޚިލާފަށް، އެރުދުޣާން، ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ތުރުކީ ބަދަލުކޮށްލި އޭނާގެ ލެގަސީ އެގޮތުގައި ދެމެހެއްޓުމުގެ މުހިއްމުކަން ރައްޔިތުންނަށް ވިސްނައިދީގެންނެވެ.

ތުރުކީ ބަދަލުކޮށްލި އެރުދުޣާންގެ ލެގަސީއަކީ ލާދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ގައުމަކުން މެދުމިނުގެ އިސްލާމީ ފިކުރުގެ ގައުމަކަށް ތުރުކީ ބަދަލުކުރުމާއި އެމެރިކާއަށް ބޯލެނބުމާއި އެމެރިކާއަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ވަންތަކަމާއި މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅޭ އަދި ޔޫރަޕަށް ޑިޕެންޑްވާ އިގްތިސާދަކުން އަމިއްލަ ނަފްސަށް ބަރޯސާވާ ފުދުންތެރި ސިނާއީ ގައުމަކަށް ތުރުކީ ހެދުމުގެ ލެގަސީއެވެ. މިކަން އެރުދުޣާންގެ 20 އަހަރުގެ ވެރިކަމުގައި ވަނީ ހާސިލްކޮށްފައެވެ.

އެރުދުޣާންގެ 20 އަހަރުގެ ވެރިކަމުގައި ތުރުކީގެ އާމްދަނީ ވަނީ 250 ބިލިޔަން ޑޮލަރުގެ އިގްތިސާދަކުން 900 ބިލިޔަން ޑޮލަރުގެ އިގްތިސާދަކަށް ބަދަލުކޮށްލައްވާފައެވެ. ހުޅަނގުން އެރުދުޣާން އާ ދެކޮޅަށް ފެތުރި ޕްރޮޕަގެންޑާތަކާއެކުވެސް ރައްޔިތުން ބަލައިގަތީ ތުރުކީ ފުދުންތެރި ސިނާއީ ގައުމަކަށް ހެދި އަދި އެމެރިކާގެ ނުފޫޒުން ސަލާމަތްވެފައިވާ މިނިވަން ގައުމަކަށް ތުރުކީ ހެދި އެރުދުޣާންގެ ސިޔާސަތެވެ.

ނަމަވެސް އެރުދުޣާންގެ ވެރިކަން ދިގުލައިގެން ދިޔުމާއެކު ބަދަލަކަށް ބޭނުންވާ މީހުންވެސް ތިބުމުން މިފަހަރުގެ އިންތިޚާބުގައި ފުރަތަމަ ބުރުން 50 އިންސައްތައަށްވުރެ ގިނައިން އެރުދުޣާންއަށްވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ބުރުން ބޮޑު ތަފާތަކުން އެރުދުޣާން ތުރުކީގެ އިންތިޚާބު އަނެއްކާވެސް ކާމިޔާބުކުރާނެކަމަށް ވަނީ ބެލެވިފައެވެ.